22 Mar 2020, 13:21
ވުހާން ސިޓީ (22 މާޗް 2020) : ދުނިޔެއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ވަބާއެއް ކަމަށްވާ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމަށް ޓަކައި އެމެރިކާ އިން ޗައިނާގެ ފަންނީ އެހީ ހޯދައިފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި ފަންނީ ގޮތުން އަޅަން ޖެހޭ ސިއްޙީ ފިޔަވަޅުތަކުގެ މައުލޫމާތު ޗައިނާގެ ކިބައިން އެމެރިކާ ހޯދީ މިކަމަށް ޓަކައި ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް އެމެރިކާގެ ތަޖްރިބާކާރުން ޗައިނާގެ ޑޮކްޓާރުންނާ މަޝްވަރާކޮށްގެންނެވެ. ކޮވިޑް-19 ވައިރަސް އެމެރިކާގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ކަންބޮޑުވެފައިވާ އެމެރިކާގެ ޑޮކްޓަރުންނާއި ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ޗައިނާގެ ކިބައިން އެ މައުލޫމާތު ހޯދުމަށް ބޭއްވި ވީޑީއޯ ކޮންފަރެންސް ބާއްވާފައި ވަނީ ޗައިނާގެ ވުހާން ސިޓީގަ އެވެ. މިއީ ޗައިނާގައި ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ސިޓީ އެވެ.
މި ވީޑިއޯ ކޮންފަރެންސްގައި ކޮވިޑް-19 ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާގެ ސްޓޭޓްތަކުގެ ޑޮކްޓަރުންނާއި ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ހިމެނެ އެވެ. މި ސްޓޭޓްތަކުގެ ތެރޭގައި ނެބްރަސްކާ، ކޮލޮރާޑޯ، އެޓްލަންޓާ، އަދި މިސޫރީ ހިމެނެ އެވެ. ޗައިނާއަކީ މިހާތަނަށް ކޮވިޑް-19 ވައިރަސް އެންމެ ކާމިޔާބުކަމާ އެކު ކޮންޓްރޯލް ކުރި ގައުމެވެ. ޗައިނާގައި ކޮވިޑް-19 ޖެހުނު މީހަކު ނުފެންނަތާ މިހާރު ވަނީ ތިން ދުވަސްވެފަ އެވެ. ޗައިނާގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާލެއްގެ މައްޗަށް 3،000 އަށް ވުރެ ގިނަ މީހުންނަށް އެ ރޯގާ ޖެހިފައިވެ އެވެ.
އެމެރިކާއަށް ބަލާ އިރު އެގައުމުގެ 50 ސްޓޭޓްއާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ސަރަހައްދާ އަދި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ގުއާމް ފަދަ ތަންތަނުގައި ކޮވިޑް-19 ވައިރަސް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެމެރިކާގައި މިހާތަނަށް 8890 މީހުންނަށް އެ ރޯގާ ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އިޓަލީއާއި އީރާނާ އެކު އެމެރިކާ ހިމެނެނީ އެންމެ ހަލުއިކަމާ އެކު ކޮވިޑް-19 ފެތުރޭ އަދި އެ ރޯގާ ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ ގައުމުތަކުގެ ލިސްޓުގަ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާގެ ބައެއް އެއާޕޯޓްތަކުގެ ކައިރީގައި ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީސް ތައް ހުރި ސަރަހައްދުތައް
އެމެރިކާގައި ފާއިތުވި 24 ގަޑި އިރު ތެރޭގައި 4581 މީހުން އެރޯގާއަށް ޕޮޒިޓިވްވެ، 47 މީހުން އެ ރޯގާގައި މަރުވި އެވެ. މިއާ އެކު މިހާތަނަށް ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 150 އަށް އަރައިފަ އެވެ.
ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 92 ޕަސެންޓް މީހުންނަށް ފަރުވާދޭން ބޭނުންކުރީ ޗައިނާގެ ޙަކީމީ ބޭސް ނުވަތަ ޗައިނީސް މެޑިސިންގެ ބާވަތްތައް ކަމަށާއި ވެސްޓާން މެޑިސިން ބޭނުންކުރީ މަދު ހާލަތްތަކެއްގައި ކަމަށް އެގައުމުން ބުނެ އެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ކަމަށްވެފައި ދުނިޔެ ހަލާކުކޮށްލެވޭ ވަރުގެ އެތައް ހާސް ނިއުކްލިޔާ ހަތިޔާރުތަކެއް އެމެރިކާގައި ހުއްޓަސް އެމެރިކާގެ ސިއްޙަތާބެހޭ ދާއިރާވަނީ ކޮވިޑް-19 ފަދަ އަވަހަށް ފެތުރޭ ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލުމުގައި ނުކުޅެދިފަ އެވެ. އަދި އެމެރިކާގެ ސިއްޙަތާބެހޭ އިންފްރާސްޓަރަކްޗާ އާއި ވަސީލަތްތައްވަނީ
ކޮވިޑް-19 ފަދަ އަވަހަށް ފެތުރޭ ބަލިމަޑުކަމެއް ނުވަތަ ވަބާއެއް އަވަސްގޮތަކަށް ކޮންޓްރޯލް ކުުރެވޭވަރަށްވުރެ ދަށް ހާލަތެއްގައިކަން ބަޔާންކޮށް އެމެރިކާގެ މުފައްކިރުންނާއި ތިންކް ޓޭންކުންވަނީ ހަތިޔާރާއި ހަނގުރާމަތަކަށް އިންވެސްޓް ކުރުމުގެ ބަދަލުގައި ސިއްޙަތާބެހޭ ދާއިރާއަށާ އިންސާނީ ތަރައްގީގެ ކަންތައްތަކަށް ބޮޑަށް އިންވެސްޓް ކުރުމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކަށާއި ކުންފުނިތަކަށް ގޮވާލައްވާފައެވެ.
އެމެރިކާގެ އާބާދީ 300 މިލިޔަނަށްވުރެ މަތީގައިވާއިރު އެމެރިކާގެ ހޮސްޕިޓަލްތަކާއި ކްލިނކްތަކުގައިވާ ޖުމްލަ އެނދުގެ އަދަދަކީ ގާތްގަނޑަކަށް 9 ލައްކައެވެ. މިވަރުން އެމެރިކާގެ ރައްޔިތުންގެ 300 މީހަކަށްވެސް އެނދެއް ނުޖެހެއެވެ. އެމެރިކާއަކީ ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު ސިއްޙަތަށްކުރާ ޚަރަދު ބޮޑު ގައުމެކެވެ. އަދި އެމެރިކާއިން ސިއްޙީ ދާއިރާއަށް އިންވެސްޓްކޮށް ދުނިޔޭގެ އެހެން ގިނަ ގައުމުތަކަށްވުރެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެސްވެއެވެ.
މިދިޔައަހަރުވެސް 1.5 ޓްރިލިޔަން ޑޮލަރު (އެއްހާސް ފައްސަތޭކަ މިލިޔަން ޑޮލަރު) އެމެރިކާއިން ސިއްޙަތާބެހޭ ދާއިރާއަށް ކޮށްފައިވެއެވެ. އެއީ އެމެރިކާގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް 8 އިންސައްތައެވެ. ނަމަވެސް ޖަރުމަނުން ސިއްޙަތާބެހޭ ދާއިރާއަށް އެގައުމުގެ ގައުމީ އާމްދަނީގެ 8 އިންސައްތަ ޚަރަދު ކުރެއެވެ.
އެެމެރިކާގެ ގައުމީ އާމްދަނީން ބޮޑަށް ޚަރަދު ކުރަނީ އަސްކަރީ ކަންކަމާއި އިންސާނީ ތަރައްގީ ގުޅުންނެތް ދުނިޔޭގައި ހަންފެތުރުމާއި ބާރާއި ނުފޫޒު ހޯދުމާ ގުޅޭ ކަންކަމަށެވެ. ހަނގުރާމަތަކަށާއި ހަތިޔާރުފަދަ ފަނާކުރަނިވި ކަންކަމަށެވެ.
އެމެރިކާ އަސްކަރީ ކަންކަމަށް ކުރާ ޚަރަދުތައް ބޮޑުވާ މައްސަލާގައި އެގައުމުގެ އެތެރެއިން އަބަދުވެސް އެމެރިކާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައެވެ. އަދި ރައްޔިތުންގެ ދިރިއުޅުމާއި މަދަނީ ތަރައްގީ އާ ގުޅިފައިވާ ކަންކަމަށް އިސްކަން ނުދޭ މައްސަލަ ފާހަގަކޮށް މިހާރަށްވުރެ ބޮޑަށް އިންސާނީ ތަރައްގީއަށް އިސްކަން ދިނުމަށް ގޮވާލައި މުޒާހަރާތައްވެސް ކުރެއެވެ.
އެމެރިކާގެ ރިޔާސީ އިންތޚާބަށް ކޭންޕޭން ދުވަސްވަރު މިގޮވާލުންތަކަށް އިޖާބަ ދޭނަކަމަށް އެމެރިކާގެ ސިޔާސީ ލީޑަރުން ގިނަ ވައުދުތަކެއް ވެއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއެކު އެބޭފުޅުން ގެ މައްޗަށް ހިނގަނީ ހަތިޔާރު އުފައްދާ ކުންފުނިތަކާއި އެމެރިކާގެ އެލީޓުންގެ ގޮތުގައި ހަރަކާތްތެރިވާ ނުފޫޒުގަދަ މުއްސަނދިންގެ ކޮންޓްރޯލެވެ.
ދުނިޔޭގެ ގައުމުތަކަށް ބަލާއިރުވެސް އެމެރިކާއިން ގައުމުތަކަށް ދެނީ ތަރައްގީގެ އެހީތަކުގެ ބަދަލުގައި އަސްކަރީ އެހީތަކެވެ. (ރޮއިޓާސް+ ސީއެންއެން+ ނޫސްއެޖެންސީތައް)