އިބްރާހިމް ނާސީރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެއްގެ ގޮތުގައި ޖީއެމްއާރުން ނަގަން ނިންމި 25 އެމެރިކާ ޑޮލަރުގެ މައްސަލަ ސަރުކާރުން އިސްތިއުނާފް ކުރަން ނިންމާފައި ވާތީ އެކަން ކުށްވެރިކޮށްދެއްވުމަށް އެދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް ގައުމީ ޕާޓީން ގޮވާލައިފި އެވެ.

ގައުމީ ޕާޓީން މި ގޮތަށް ގޮވައިލީ ޖީއެމްއާރަށް ދިގު މުއްދަތަކަށް އެއާޕޯޓް ކުއްޔަށް ދިން މައްސަލާގައި މައުމޫން އެއްޗެއް ވިދާޅުވެފައިނުވާ ކަމަށް ބުނެ، މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 25 ޑޮލަރު ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން، ސަރުކާރުން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ނިންމާފައިވާ އިރު ވެސް ރައީސް މައުމޫން އެކަމާ އެއްވެސް އެއްޗެއް އަދި ވިދާޅުވެފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

އެ މައްސަލާގައި ރައީސް މައުމޫން އެއްޗެއް ވިދާޅުނުވަނީ ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމަކީ ރުހިވަޑައިގެންނަވާތީތޯ އާއި ޖީއެމްއާރު އައި ފަހުން އެއާޕޯޓްގައި މަސައްކަތްކުރާ އެތައް ދިވެހިންތަކެއްގެ ވަޒީފާ ގެއްލި ވަޒީފާގެ ބިރު ހީވެފައިވާ މައްސަލާގައި ކަންބޮޑުވެވަޑައިނުގަންނަވަނީތޯ އާއި ޖީއެމްއާރާ މެދު އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގެންނަ ވަނީ ރައީސް މައުމޫން ވެރިކަމަށް ކުރައްވާ އުއްމީދަށް ހިޔަނި އެޅިދާނެތީތޯ ކަމަށް ބުނެ ސުވާލުތަކެއް ގައުމީ ޕާޓީން ވަނީ އުފައްދައިފަ އެވެ.

ނަމަވެސް ޕީއެމްގެ ތަރުޖަމާން އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ޖީއެމްއާރާ ބެހޭ ގޮތުން ރައީސް މައުމޫންގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމަކީ ފަހަރެއްގައި ވެސް ރައީސް މައުމޫން ބޭނުންފުޅު ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ތަފާތު ފޯރަމުގައި ރައީސް މައުމޫން ވާނީ އެ ވާހަކަތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައި ކަމަށެވެ.

މަހުލޫފު ވިދާޅުވީ، ރައީސް މައުމޫން ގަބޫލުކުރައްވާ ގޮތުގައި، ޖީއެމްއާރަކީ އިންޑިއާ ސަރުކާރު ނޫން ކަމަށާއި އަދި އެއީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ވެސް ނޫން ކަމަށެވެ. އެހެންކަމާ އެކު އިންޑިއާ ސަރުކާރާ ދޭތެރޭ ދެކޭ ގޮތަށް ކޮންމެހެން ޖީއެމްއާރާ ދޭތެރޭ، އެއް މިންގަނޑަކުން ބަލަން ނުޖެހޭ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ވެސް ޖީއެމްރާރުން އެއާޕޯޓް ހިންގުމާ ބެހޭ ގޮތުން ޕީޕީއެމްގެ ބަސް ބުނެފައިވާނެ ކަމަށެވެ.

މަހުލޫފު ވިދާޅުވީ ގައުމީ ޕާޓީގެ ލީޑަރު ހަސަން ސައީދު ވަރުގެ އެތައް ލީޑަރުންނެއް ޕީޕީއެމްގައި ތިބި ކަމަށާއި އަދި އެ ބޭފުޅުން އެ ދައްކަވާ ވާހަކަފުޅުތައް ޕާޓީގެ ލީޑާޝިޕަށް ނިސްބަތްވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ހުސައިން ޝަރީފު ވެސް ވިދާޅުވީ ޖީއެމްއާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ބެހޭ ގޮތުން ރައީސް މައުމޫންގެ ސްޓޭންޑަކީ އޮޅުމެއް ނެތް އެއްޗެއް ކަމަށާއި އެ އެއާޕޯޓުން ހިންގުމާއި އަދި އެއާޕޯޓް ހިންގައިގެން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންގެ އެއްޗަކަށް ވާން ޖެހޭނެ ކަމަށް ރައީސް މައުމޫން ގަބޫލު ކުރައްވާ ކަމަށެވެ.

އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނެގުމަށް ހަމަޖެހިފައިވާ 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި 25 ޑޮލަރުގެ ފީއެއް ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ޖީއެމްއާރު ގްރޫޕާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޖީއެމްއާރުން ވަނީ ބުނެފަ އެވެ.