ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމްގެ ހުސްވެފައިވާ މެމްބަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކުގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތް މަޝްހޫރު ޕްރެޒެންޓާ، ޝިފްލާ އިބްރާހިމްގެ ނަން އަނެއްކާ ވެސް ކަޓުވާލައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި، ބްރޮޑްކޮމްގެ މެންބަރުކަމަށް ހޮވަން، ވޯޓް ނަގަން ތަޅުމަށް ފޮނުވާ ލިސްޓްގެ ކުރީގައި އޮތީ ވީޓީވީގެ ސީނިޔާ އެޑިޓަރު އަމިނަތު އަމީނާ (އަނާ) އާއި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިދިޔަ މަހު 12 ވަނަ ދުވަހު މަޖިލީހަށް ފޮނުވި ލިސްޓުގައި އެ މަގާމަށް 15 މީހެއްގެ ނަން ފޮނުވި އެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ ޝިފްލާ އާއި އަނާ އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު ނުޒުހާ އެވެ.

މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ތުޅައިދޫ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަޒީން އޮތީ ރައީސް ލިސްޓުގެ ފަސް ވަނައިގަ އެވެ.

މަޖިލީހުން ވޯޓަށް އަހަނީ ކޮމިޓީ ލިސްޓުން ފާސްކޮށްފައިވާ ތަރުތީބަށެވެ. ކޮމިޓީ ލިސްޓުން މިފަހަރު ކަޓުވާލި ޝިފްލާގެ ނަން މީގެ ކުރިންވެސް ރައީސް މަޖިލީހަށް ފޮނުއްވި އެވެ. އެފަހަރު ޝިފްލާގެ ނަން ތަޅުމަށް ފޮނުވި ނަމަވެސް، މަޖިލީހުން ވޯޓުދީ ފާސްކޮށްފައިވަނީ ލިސްޓުގެ ތިންވަނައިގައި އޮތް އެމްޑީޕީ އެކްޓިވިސްޓް، ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްގެ ނަމެވެ.

މިފަހަރު ކޮމިޓީގެ ރިޕޯޓުގައި ހަތް މީހެއްގެ ނަން ތަރުތީބުކޮށް ތަޅުމަށްފޮނުވާފައިވެ އެވެެ.

ކޮމިޓީން ފާސްކުރި ހަތް މީހުން ތަރުތީބުން:

  1. އާމިނަތު އަމީނާ (އަނާ)

  2. މުހައްމަދު ފަޒީން
  3. ޒުބައިރު އަހްމަދު މަނިކު - ގ. މަލްވިން، މާލެ
  4. ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު
  5. އިސްމާއިލް ސާޖިދު - މއ. ވިލާރޮދި، މާލެ
  6. އަހްމަދު ހަލީލު - މއ. ހަތާ، މާލެ
  7. ސަންގު ޓީވީ ޕްރެޒެންޓަރު އަހަމްދު ފައިރޫޒް

ކޮމިޓީން ރުހުން ލިބުނު މީހުންގެ ތެރޭގައި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލްވެސް ހިމެނެ އެވެ. އޭނާއަކީ ޕީޕީއެމް ޓިކެޓްގައި މާލޭ ސިޓީ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާ ބޭފުޅެކެވެ. ކޮޮމިޓީ ރިޕޯޓުގައި ބުނީ، އެކަން ކޮމިޓީގެ ސަމާލުކަމަށް އައީ ކޮމިޓީން އެނާގެ ނަމަށް ރުހުންދިން ފަހުން ކަމަށެވެ.

ކޮމިޓީ ރިޕޯޓުގައި އަދި ބުނީ، ރައީސް ނަން ފޮނުވި މީހުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ، ޓީވީއެމްގެ ޕްރޮޑިއުސަރު މޫސާ ރިޟްވާން، މ. ހާވިލާ އާއި އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް އެވެ. އަދި ރައީސް ފޮނުއްވި، ލިސްޓުގެ ތިން ވަނައިގައި އޮތް ނުޒުހާ ވަނީ ކޮމިޓީ އިންޓަވިއުގައި އަމިއްލަ ސަބަބުތަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ނުޒުހާއާ އިންޓަވިއުކޮށްފައި ނުވެ އެވެ.

ކޮމިޓީ ރިޕޯޓު މަޖިލިސް ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާއިރު، މަޖިލީހުން ވަނީ ކޮރޯނާވަރަސްގެ ބަލިމަޑުކަމާ ގުޅިގެން ޖަލްސާތައް މެދުކަނޑާލާފަ އެވެ. އެހެން ނަމަވެސް، ކޮންމެހެން ބާއްވަން ޖެހޭ މުހިންމު ޖަލްސާތައް ބާއްވާނެ އެވެ.