22 Mar 2020, 10:45
ކޮރޯނާވައިރަސް އާއެކު، އެންމެ ބޮޑު އަސަރެއް ކުރަން ފެށީ ރާއްޖޭގެ ފަތުރުރވެރިކަމުގެ ދާއިރާ އަށެވެ. ދުވާލަކު އެތައް ހާސް ފަތުރުވެރިންނެއް އަންނަ ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެ، ރިސޯޓުތައް ފަޅުވެއްޖެ އެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ގެއްލި، އަނެއް ބަޔަކު މުސާރަ ނުލިބޭ ގޮތަށް ގެއަށް ދިޔުމަށް ތައްޔާރު ވަނީ އެވެ.
މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޓޫރިޒަމް އިންޑަސްޓްރީ އިން ދަނީ، ރޯގާއާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ. ވައިރަސްގެ ސަބަބުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ރިސޯޓުތަކާއި، އެކި ސަބަބުތަކާހުރެ ހިންގުން ހުއްޓާލާފައިވާ ރިސޯޓުތައް ކަރަންޓީނު ފެސިލިޓީ ތަކުގެ ގޮތުގައި ބޭނުން ކުރުމަށް އެތަނުގެ ވެރިން ސަރުކާރަށް ދެނީ އަގަކާ ނުލަ އެވެ.
މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަ ކުރަންޖެހޭ އިރު، އެކަމަށް ބޭނުންވާނެ ފެސިލިޓީ ފޯރުކޮށްދިނުމަށް ޓޫރިޒަމް އިންޑަސްޓްރީ އިން ވަނީ ބޮޑު އެހީތެރިކަމެއް ދީފަ އެވެ.
ޓޫރިޒަމް ދާއިރާ ގެ 11 ފެސިލިޓީ އެއް ކަރަންޓީނު ބޭނުމަށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖެހިފައިވާ ކަމަށެވެ. އެއީ 1158 ކޮޓަރި އެވެ.
ރިސޯޓް ހަދަން ދޫކޮށްފައިވާ ވިލިވަރުގެ އިތުރުން ކަރަންޓީނު ފެސިލިޓީތައް ގާއިމްކޮށްފައިވާ ރިސޯޓްތަކަކީ؛
ބިޔާދޫ ރިސޯޓް
- ފަން އައިލެންޑް ރިސޯޓް
- ހޮލިޑޭ އައިލެންޑް ރިސޯޓް
- މަލަހިނި ކުޑަބަނޑޮސް
- ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
- ވަރު ބައި އެޓްމޮސްފިއަ
- އެނބޫދޫ ވިލެޖް
- ވެލިދޫ އައިލެންޑް ރިސޯޓް
- ދިއްގިރި ރިސޯޓް
- ރޯޔަލް އައިލެންޑް
މިނިސްޓަރު އަލީ ވަހީދު "ސަން" އަށް ވިދާޅުވީ، ކަރަންޓީނު ކުރުމަށް 2،000 އަށް ވުރެ ގިނަ އެނދު ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް ދާއިރާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެބޭފުޅުން ކުއްޔެއް އެއްޗެއް ނުނަންގަވާ އެ ރަށްތައް އަޅުގަނޑުމެންނަށް އެ ދޫކޮށްލެއްވީ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުން ކުރަމުން މިދާ މަސައްކަތުގައި އަޅުގަނޑުމެންނަށް ހާސިލްކުރެވުނު ވަރަށް ބޮޑު ކަމެއް،" މިިނިސްޓަރު އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ކަރަންޓީނު މަރުކަޒުތައް ގާއިމްކޮށްފައިވާ ރިސޯޓްތަކުގައި މިނިސްޓްރީގެ ފޯކަލް ޕޮއިންޓްތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓީނުގައި ތިބޭ އާއިލާގެ ފަރާތްތަކުން ސީދާ އެ ފަރާތްތަކަށް ގުޅައިގެން، ހާލު ބެލުމާއި އެހެނިހެން ކަންކަން ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް ރަނގަޅު ހިދުމަތެއް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ދޭން. މިހާރު ކަރަންޓީނު ކުރާ ރިސޯޓްތަކުގައި ތިބޭނެ މުވައްޒަފުން. އެބޭފުޅުން ތިބޭނީ އަބަދުވެސް ހިދުމަތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެއިން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ޓޫރިސްޓު ވިސާ ފިޔަވައި އެހެން ވިސާގެ ދަށުން އަންނަ މީހުން ދަނީ މި ފެސިލިޓީ ތަކުގައި ކަރަންޓީނު ކުރަމުންނެވެ.
ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް އަށް ޕޮޒިޓިވް ވެފައިވާއިރު ،ތިން މީހަކު ބަލިން ރަނގަޅު ވެފައިވާކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.