22 Mar 2020, 09:17
ކޮރޯނާވައިރަހާ ގުޅިގެން ދަރިވަރުންގެ ޗުއްޓީ އަށާއި އިމްތިހާނަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން ބުނީ ކޮރޯނާ އާއި ގުޅިގެން އިމްތިހާނުތަކާއި ޗުއްޓީ ތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ،ސޯޝަލް މީޑިއާ ގައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައިވާއިރު، ކުރިއަށް އޮތް މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެއިން އޭލެވެލް އަދި އޭއެސް ލެވަލްގައި ހަދަނީ އިނގިރޭސިވިލާތުގެ އެޑެކްސެލް އިމްތިހާންތަކެވެެ.
މިހާރު ޔޫރަޕުގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ވަނީ ކެންސަލްކޮށްފަ އެވެ.
"ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ." އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.