ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނުމުގެ ސަބަބުން ތިން ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެކަން ހާމަކޮށްފައިވަނީ ކޮވިޑް19 ގެ މައުލޫމާތު އާންމުކުރުމަށް ހިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް އެވެ.

މަބްރޫކް ވިދާޅުވީ، ޝައްކު ކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނުމުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ވެލިގަނޑު ރިސޯޓާއި ކުލަބް މެޑް ކަނި ފިނޮޅުގެ އިތުރުން ސިނަމަން ހަކުރާ ހުރާ ކަމަށެވެ.

އޭގެ ތެރެއިން އެއް ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ސްޓާފެއްގެ ފަރާތުން، ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ކަން މަބްރޫކް ވިދާޅުވިއެވެ. އަދި އަނެއް ދެ ރިސޯޓުން ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ފަތުރުވެރިންގެ ފަރާތުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ތިން ރިސޯޓުގެ އިތުރުން ލަންކާއިން ރާއްޖެ އައި ކާގޯ ބޯޓެއްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ވައިރަހުގެ އަލާމާތްތައް ފެންނާތީ އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ވެސް ވަނީ ފަށައިފަ އެވެ. އަދި ނަތީޖާ ލިބެންދެން އެ ބޯޓް ވެސް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން، މިހާރު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބީ 10 މީހުންނެވެ.

ރަނގަޅުވި ތިން މީހުންނަކީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި މީހެކެވެ.