21 Mar 2020, 23:06
ރާއްޖެއިން ބޭރުގައި ހުރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ބޭރުގައި ތިބި ދިވެހި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި ތާށިވެފައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
ރާއްޖޭގެއިން ބޭރުގައި 16 ގައުމެއްގައި ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންއެއް ގާއިމްކޮށްފައިވެއެވެ.
މިރޭ ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވާ ބައެއް ކުދިން އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަނީ އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވާ މީހުންނެވެ.
ބޭރުގައި ދިރިއުޅޭ ދިވެހިން އެބަޔަކު ތިބި ގައުމެއްގައި ހުންނަ ނުވަތަ އެގައުމަކާ އެންމެ ކައިރީގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީއިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖޭއިންވެސް ވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރިޔަނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރު މި ހަފްތާ ނިމެންދެން ވަނީ ބަންދުކޮށްފައެވެ.
އޭގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން މިއަދު ވަނީ ނިންމައިފައެވެ.