21 Mar 2020, 22:55
ދުނިޔޭގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ނޯވަލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އާ ގުޅިގެން ކަރަންޓީނު ކުރާ ފަރާތްތަކަށް ޕާރުސަލް ފޮނުވޭނެ ގަނޑިތައް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުބާރުގެ އިން ކަމަށާއި ކޮންމެ ދުވަހުކު ވެސް ތަކެތި ފޮނުވޭނެ ކަމަށެވެ.
އެގޮތުން ހޮނިހިރު އިން ބުރާސްފަތި ދުވައަށް ޕާރުސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން 11:00 އާ ހަމައަށެވެ. ހަވީރު 4:00 އިން ފެށިގެން 6:00 އަށް ވެސް ޕާރުސަލް ބަލައިގަންނާނެއެވެ. ހުކުރު ދުވަހު ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަވީރު އެކަންޏެވެ. އެއީ ހަތަރަކުން ހައެއް ޖަހަންދެކަށެވެ.
އެޗްޕީއޭ ގެ މޯބައިލް ދެ ނަންބަރު ކަމަށްވާ 7223541، 7290223 އިން ފޯނަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު ނުވައަކުން ފެށިގެން ރޭގަނޑު އެގާރަ ޖަހަންދެކަށެވެ. ހުކުރު ދުވަހު ފޯނަށް ޖަވާބު ދެއްވުމަށް ހަމަޖެހިފައިވަނީ މެންދުރު 2:30 އިން ފެށިގެން ރޭގަނޑު 11:00އާ ހަމައަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ކަރަންޓީން ފެސިލިޓީތަކަށް އެއްޗިހި ފޮނުވުމުގައި ފަސޭހައިން ގެންދެވޭނެ ގޮތަކަށް ރަނގަޅަށް ޕެކްކޮށްފައި ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި ކަރަންޓީން ތަކެތި އެހެން ފަރާތްތަކަށް ނުފޮނުވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މި ބަލިމަޑުކަމާއި ގުޅިގެން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.