21 Mar 2020, 23:09
ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޗައިނާގެ ސިއްހީ ދާއިރާގެ އޮފިޝަލުންގެ ތަޖުރިބާއާއި މައުލޫމާތު ހިއްސާ ކުރުމަށް އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ބުނި ގޮތުގައި އެ ވީޑިއޯ ކޮންފަރެންސްގައި ޗައިނާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓާ ޖެނެރަލް ގާއޯ ފޫ އާއި، އެ ސެންޓަރުގެ ޗީފް އެޕިޑީމިއޮލޮޖިސްޓު ޕްރޮފެސާ ވޫ ޒުންޔޫ، ޕެކިން ޔުނިވާސިޓީގެ ޑިޕާޓްމެންޓް އޮފް ރެސްޕިރޭޓަރީ މެޑިސިންގެ ޑިރެކްޓަރު ޕްރޮފެސާ ވަން ގްއަންފާ އަދި އެ ގައުމުގެ ސިއްހީ ދާއިރާގެ އެހެނިހެން އިސް އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ.
އެ ކޮންފަރެންސްގައި ޔޫރޭޝިއާ އަދި ދެކުނު އޭޝިއާގެ ގައުމުތަކުން ގާތްގަނޑަކަށް 200އަށް ވުރެ ގިނަ އިސް އޮފިޝަލުން ބައިވެރިވި ކަމަށް އެމްބަސީއިން ބުންޏެވެ. ރާއްޖޭގެ ފަރާތުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރުގެ އިތުރުން އެޗްޕީއޭގެ ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ކޮންފަރެންސްގައި ޗައިނާއިން ވައިރަހާ ދެކޮޅަށް ކުރި މަސައްކަތުގެ މައުލޫމާތު ދިނުމުގެ އިތުރުން ޗައިނާގެ އޮފިޝަލުން އެހެން ގައުމުތަކުގެ އޮފިޝަލުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.
ޗައިނާ އެމްބަސީއިން ބުނި ގޮތުގައި އެ ކޮންފެންސްގައި އެ ގައުމުގެ އޮފިޝަލުން 80އަށް ވުރެ ގިނަ ސުވާލަށް ޖަވާބު ދެއްވި އެވެ. އޭގެ ތެރޭގައި ޝައްކު ކުރެވޭ މީހުން ދެނެގަތުމާއި، މީހުން އެކަހެރިކުރުމާއި ކަރަންޓީނު ކުރުމާއި، ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމާ ގުޅޭ ސުވާލުތައް ހިމެނެއެވެ.
ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫހާން ސިޓީގައެވެ. އެ ސިޓީ އާއި އެ ސިޓީ ހިމެނޭ ޕްރޮވިންސް ބަންދުކޮށް، ޗައިނާ ސަރުކާރުން ވައިރަހާ ދެކޮޅަށް ފެށި މަސައްކަތުން މިހާރު ވައިރަސް ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފައެވެ. މިއަދު މުޅި ޗައިނާއިން އަލަށް ރިޕޯޓު ކުރީ ވައިރަހުގެ އެންމެ 41 ކޭސް އެވެ.
މިވަގުތު ވައިރަސް އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީ، ސްޕެއިން އަދި އެމެރިކާގައެވެ. އެ ގައުމުތަކަށްވެސް ޗައިނާއިން ދަނީ ލަފާ ދެމުންނެވެ.