21 Mar 2020, 21:05
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ރިޒޯޓަކަށް އެރި މުވައްޒަފަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މިރޭ ބުނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފަށް މިރޭ 7:49 ހއ. އަތޮޅުގެ ރިސޯޓަކަށް އެ ރިސޯޓު މުވައްޒަފަކު އެރުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރިސޯޓަކަށް އެރި މުވައްޒަފަކު ހައްޔަރު ކުރި އިރު، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެއްސަކުވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިމަހު 12 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެއާއެކު ގާނޫނޫން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިމަހު 18 ވަނަ ދުވަހު ވަނީ ރިސޯޓުން މީހުން އެެެރުމާއި ފޭބުން މަނާކޮށްފައެވެ. ރިސޯޓަށް މީހުން އެރުމާ ފޭބުން މަނާ މީހުންގެ ތެރޭގައި ފަަތުރުވެރިންނާއި ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިސްވާނެއެވެ.
އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.
މިހާތަނަށް ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ތިން މީހުން މިހާރު 30 ދުވަހުގެ މުއްދަތަށް ކަރަންޓިންކޮށްފައިވާއިރު، ބާކީ ތިބި 10 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.