އާސެނަލްގެ ޑިފެންޑަރު އަންދުރޭ ސަންޓޯސް އަށް ލިބުނު އަނިޔާ އާއި ގުޅިގެން ތިންމަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަ ޖެހޭނެ ކަން ޔަގީން ވެއްޖެ އެވެ.

ކުރިން އަނިޔާ ކުޑަކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ އަށް ހީވި ނަމަވެސް، އޭނާއަށް ލިބުނު އަނިޔާ ބޮޑުކަން އެކުލަބުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާ އަންގާރަ ދުވަހު އޮލިމްޕިއާކޯސް އާއިދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ސަންޓޯސްގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. އެމެޗުގެ ދެވަނަ ހާފުގައި ލިބުނު އަނިޔާ އާއި ގުޅިގެން ސަންޓޯސް ދަނޑުންބޭލީ އަށިގަނޑުގަ އެވެ.

"ސަންޓޯސް އަށް ލިބުނު އަނިޔާ އާއި ގުޅިގެން މިހަފްތާ ބްރެޒިލްގައި އޭނާގެ ސާޖަރީ ކުރިއަށް ދާނެ. އެހެންކަމުން އޭނާ އަށް ތިން މަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ." އާސެނަލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

ސަންޓޯސް އާއި އެކު އާސެނަލްގެ އިތުރު ޑިފެންޑަރުން ތަކެއް ވެސް ހުރީ އަނިޔާގަ އެވެ. އޭގެ ތެރޭގައި ގިބްސް އާއި، ކާލް ޖެންކިންސަން ވެސް ހުރީ އަނިޔާގަ އެވެ.