21 Mar 2020, 20:36
ކޮވިޑް-19 ވައިހަރާ ގުޅިގެން ދިވެހި އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާއިރު، އެކަމާ ގުޅިގެން ވަޒީފާ ދޭ ފަރާތުން އެއްވެސް މީހެއްގެ ވަޒީފާގެ ހާލަތަށް ބަދަލު ގެނެސްފިނަމަ އެކަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރިޕޯޓު ކުރަން އެ މިނިސްޓްރީއިން އެދެފި އެވެ.
އިކޮނޮމިކް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާނަމަ ނުވަތަ މުސާރައާއި އެލަވަންސަށް ބަދަލުގެނެސްފައިވާނަމަ އެ މިނިސްޓްރީގެ ޖޮބް ސެންޓަރުގައި އެކަން ރިޕޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ހާލަތަށް ބަދަލުގެނެސްފައިވާކަން އަންގައި ވަޒީފާދޭ ފަރާތުން މުވައްޒަފަށް ދީފައިވާ ލިޔުން ހުށަހަޅަންވާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
ޖޮބް ސެންޓަރުގެ ވެބްސައިޓުގެ ފުރަތަމަ ޕޭޖުގައި ކޮވިޑް-19އާ ގުޅިގެން ވަޒީފާއަށް ގެނެސްފައިވާ ބަދަލުތައް މަސައްކަތްތެރިންނަށް ރިޕޯޓު ކުރެވޭނެ މޮޑިއުލެއް ގާއިމްކޮށްފައި މިހާރު އެބަ ހުއްޓެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގުތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ ބޭނުމުގައި ސަރުކާރުން ކޭޝްޕްލޯ ފައިނޭންސިން ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާކަންވެސް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
ވިޔަފާރިތަކަށް އެހީވާން ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ފައިސާގެ ދަތިކަމަށް ޖެހިފައިވާ ކުންފުނިތަކަށް ލޯނުތައް ނެގޭނެ އެވެ. ސަރުކާރުން ބުނި ގޮތުގައި ލޯނު ދޫކުރުމުގެ މައިގަނޑު ޝަރުތަކީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމެވެ.
އެ ފިޔަވަޅުގެ އިތުރުން ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސް ކުރަންވެސް ވަނީ ނިންމައިފައެވެ. އަދި ކޮރޯނާވައިރަހާ ގުޅިގެން އާންމު ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަންވެސް ނިންމާފައިވެއެވެ.