ލަންކާއިން އައި ބޯޓެއްގައި ހުރި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ވައިރަހުގެ އަލާމާތްތައް ފެންނާތީ އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނި ގޮތުގައި އެ މީހާ އަކީ މި މަހުގެ 17 ވަނަ ދުވަހު ލަންކާއިން އައި "އެލިއޮން" ނަމަކަށް ކިޔާ ބޯޓެއްގައި ހުރި ބިދޭސީއެކެވެ.

އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީއިން ބުންޏެވެ. އަދި އޭނާ އެކަހެރިކޮށް، ބޯޓު މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން، މިހާރު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބީ 10 މީހުންނެވެ.

ރަނގަޅުވި ތިން މީހުންނަކީ ބަތަލާ ރިސޯޓުން ޕޮޒިޓިވްވި ދެ މީހުންނާއި ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި މީހެކެވެ.