13 Dec 2011, 16:15
ޕާލަމެންޓްރީ ޔޫނިއަން އޮފް ދި އޯއައިސީ މެންބަރު ސްޓޭޓް (ޕީޔޫއައިސީ) ގައި ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަށް މިއަދު ފާސްކޮށްފި އެވެ.
ޕީޔޫއައިސީގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވުމާމެދު މަޖިލީހުގެ އާއްމު ކޮމިޓީގެ ލަފާފުޅަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު އާއްމު ކޮމިޓީން ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް އެ ޖަމްއިއްޔާގައި ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 75 މެންބަރުގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައިގައި އާއްމު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި އިސްލާމް ދީނާ ބެހޭ ގޮތުން ހޫނު ބަހުސެއް ވެސް ވަނީ ހިނގައިފަ އެވެ. އެ ބަހުސްގައި ދީނާ ދެކޮޅަށް މަސައްކަތްކުރަމުންދަނީ އިދިކޮޅު ފަރާތްތައް ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.
އެގޮތުން ދީން ހިމާޔަތް ކުރުމަށް ގޮވާލައި ބައެއް ޖަމްއިއްޔާ ތަކާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިމަހު 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ބޮޑު މުޒާހަރާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވީ ކަނޑައެޅިގެން ލާދީނީ ސިޔާސަތުތަކެއް ސަރުކާރުން ގެންގުޅެމުންދާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ގައުމުން ފެންނަމުންދާ ލާދީނީ ކަންތައްތަކަކީ ރޭވިގެން ކުރަމުންގެންދާ ކަންތައްތަކެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަށް މިއަދު ފާސްކުރި، ޕީޔޫއައިސީގައި ހިމެނެނީ އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކެވެ. އެގޮތުން އޯއައިސީގެ 51 ގައުމުގެ ގާނޫނު ހަދާ މަޖިލިސް، މެންބަރުންގެ ގޮތުގައި އެ ޖަމްއިއްޔާގައި ހަރަކާތްތެރިވެ އެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 13 ޖަމިއްޔާ އެއްވެސް ޕީއޫއައިސީގައި ހަރަކާތްތެރިވެ އެވެ.
ޕީއޫއައިސީގެ ލަނޑުދަނޑި ތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސާސްތަކާބެހޭ މައުލުމާތު ހިއްސާކުރުން ހިމެނެ އެވެ. އަދި އިސްލާމް ދީނުގައިވާ، މަޝްވަރާ ކުމުގެ އަސާސް، މެންބަރު ގައުމުގަކުގެ ގާނޫނުއަސާސީ އާއި އެ ގައުމެއްގެ ހާލަތާ އެއްގޮތްވާ ގޮތަށް ކުރި އެރުވުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ބައިނަލް އަގްވާމީ އެކިއެކި މަޝްރަހު ތަކާއި ޖަމްއިއްޔާތަކާއި، އިސްލާމީ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި މަޝްވަރާކޮށް ގުޅުން ބަދަހި ކުރުން ވެސް އެ ޖަމްއިއްޔާގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ޖަމްއިއްޔާގައި ބައިވެރިވުމަށް ދައްކަންޖެހޭ ޗަންދާގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކު 11،000 އެމެރިކާ ޑޮލަރެވެ.