14:30


އެތުލެޓިކްސް އެސޯސިއޭޝަނާއި ގުޅިގެން ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް މިއަހަރު ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ "ނިއު ބްލަޑް ފޯ ދި ވޯލްޑް"ގެ ތީމްގެ ދަށުން ކަމަށް ދިރާގުން ބުނެފި އެވެ.


އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ފަސް ވަނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްއާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ބޭނުމަކީ މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ މުހިންމުކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ބްރޯޑް ބޭންޑްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އާދިއްތަ ދުވަހުން ފެށިގެން ފޯމު ދޫކުރަން ފަށާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.


މިފަހަރުގެ ބްރޯޑް ބޭންޑް ރޯޑް ރޭހުގައި ވެސް ތަފާތު ކެޓަގަރީތަކުން ވަނަތައް ހޮވާ އެ ފަރާތްތަކަށް އިނާމް ދިނުން އޮންނާނެ ކަމަށް މިރުޝާން ވިދާޅުވި އެވެ. އެގޮތުން ޕްރޮފެޝަނަލް ކެޓަގެރީން އަންހެން ފިރިހެން ހޮވުމާއި، 40 އަހަރުން މަތިން އަންހެން ފިރިހެން ހޮވުމާއި އަދި 40 އަހަރުންދަށުން އަންހެން ފިރިހެން ހޮވާ އެފަރާތް ތަކުގެ ތެރެއިން ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް ކޮންމެ އަހަރަކުވެސް ހޮވާ އެންމެ މުސްކުޅި ބައިވެރިޔާ އާއި އެންމެ ޒުވާން ބައިވެރިޔާ އަށް ތިން ހާސް ރުފިޔާގެ ވައުޗަރ އެއް ލިބޭނެ ކަމަށް ވިދާޅުވެ ތަފްސީލް ވެސް މިރުޝާން ދެއްވި އެވެ.


ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަލިމަނިކު ވިދާޅުވީ އެ ރޯޑް ރޭސް އާއި ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކުޑަކުދިންގެ ހަވީރުގައި ލޭގެ ޕަރެޝަރާއި ހަކުރު ޗެކް ކުރެވޭނެ ކަމަށެވެ. އަދި އެ ހަވީރުގައި ލޭ ހަދިޔާކުރުން ވެސް ކުރިއަށްދާނެ ކަމަށް އަލިމަނިކު ވިދާޅުވި އެވެ.


އާޓިފިޝަލް ބީޗް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ އެ ރޭހުގައި 45 މިނިޓް ތެރޭ މާލެ ވަށާ ކޮންމެ ބައިވެރިއަކު ވެސް ބުރެއް ޖަހަން ޖެހޭނެ އެވެ. އަދި ހަމަޖެހިފައިވާ ވަކި އުސޫލެއްގެ ދަށުން ބައިވެރިން ބޭނުން ކުރާ ޓީޝާތްގައި އެބައިވެރިއަކު ސްޕޮންސަރ ކޮށްފައިވާ ފަރާތުގެ ލޯގޯ ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.