ބޭންކޮކް (މާޗް 21): ތައިލޭންޑުގައި އިއްޔެ ގިނަ އަދަދެއްގެ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެގައުމުގެ ވެރިރަށް ބެންކޮކުގެ ޝޮޕިން މޯލްތައް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފި އެވެ.

ބެންކޮކްގެ ގަވަރުނަރު އަސްވިން ކުވަންމުއަންގް ވިދާޅުވި ގޮތުގައި އެސިޓީގެ ޝޮޕިން މޯލްތައް ބަންދު ކުރަން ނިންމާފައި ވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 12އާ ހަމަޔަށެވެ. އަދި އެ މުއްދަތުގައި މޯލްތަކުން ހުޅުވާފައި ބެހެއްޓޭނީ ސުޕަމާކެޓުތަކާއި ފާމަސީތަކާއި ޓޭކްއަވޭ ރެސްޓޯރެންޓުތައް އެކަނި ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ބެންކޮކުން ވަނީ އެ ސިޓީގެ ބޮކްސިން ސްޓޭޑިއަމްތަކާއި ސެލޫންތަކާއި އާކޭޑުތައްވެސް ބަންދު ކުރަން ނިންމާފަ އެވެ. އަދި އެ ގަވާއިދުތަކާ ހިލާފުވާ މީހުން 3،000 ޑޮލަރުން ޖޫރިމަނާކޮށް، އެއް އަހަރަށް ޖަލަށް ލެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ ކުރިން ތައިލޭންޑުން ވަނީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ ބުދަ ދުވަހުން ފެށިގެން މި މަސް ނިމެންދެން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފައެވެ. އަދި 18 ގައުމަކަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފައެވެ.

އެ ގައުމުތަކަކީ ބަލްގޭރިއާ، ބޫޓާން، ޗައިނާ، ސައިޕްރަސް، އިތިއޯޕިއާ، ފިޖީ، ޖޯޖިއާ، އިންޑިއާ، ކަޒަކިސްތާން، މަލްޓާ، މެކްސިކޯ، ނައުރޫ، ޕަޕުއާ ނިއު ގިނީ، ރޯމޭނިއާ، ރަޝިއާ، ސައުދީ އަރަބިއާ، އުޒްބެކިސްތާން، ރިޕަބްލިކް އޮފް ވަނުއަޓޫ އަދި ޓައިވާންއެވެ.

މީގެ އިތުރުން، މީގެ ކުރިން ދެކުނު ކޮރެއާ އާއި އިޓަލީ އާއި ހޮންކޮންގެ ރައްޔިތުންނަށް ވިސާއާ ނުލައި ތައިލޭންޑަށް ވަދެވުނު ނަމަވެސް ވަގުތީ ގޮތުން އެ ގަވާއިދު ވަނީ ކެންސަލްކޮށްފައެވެ.

ތައިލޭންޑުން މިއަދު ބުނި ގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ އެގައުމުން 89 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ މެލޭޝިއާގެ މިސްކިތެއްގައި މިދިޔަ މަހު ބޭއްވި ދީނީ އެއްވުމަކަށް ދިޔަ މީހުންނާއި ބޭންކޮކްގައި މިމަހުގެ ހަޔެއްގައި ބޭއްވި ބޮކްސިން މެޗަކަށް ދިޔަ މީހުންނެވެ.

ތައިލޭންޑުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 411އަށް އަރާފައެވެ. އަދި އެ ވައިރަސް ޖެހިގެން ތައިލޭންޑުން އެކަކު މަރުވެފައިވާ އިރު 44 މީހެއްގެ ބަލި ވަނީ ރަނގަޅުވެފައެވެ.

މެލޭޝިއާގައި މިހާތަނަށް 1،100އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެގައުމުގައި ވައިރަސް އެންމެ ބޮޑަށް ފެތުރުނު ކަމަށް ބެލެވެނީ މިދިޔަ މަހު ކުއަލަ ލަމްޕޫރުގައި ހުންނަ ސެރީ ޕެޓަލިން މިސްކިތުގައި ބޭއްވި ދީނީ ބައްދަލުވުމަކުންނެވެ. އެ ބައްދަލުވުމުގައި 20އަށް ވުރެ ގިނަ ގައުމުން 16،000 މީހަކު ބައިވެރިވި އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 275،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 11,402 މީހަކު ވަނީ މަރުވެފައެވެ.