21 Mar 2020, 16:20
ކޮރޯނާވައިރަސް، ކޮވިޑް19 އަށް ރާއްޖެއިން މިފަހުން ނެގި ހުރިހާ ސާމްޕަލްއެއްވެސް ނެގަޓިވް ކަމަށާއި ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތް ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. ތިން މީހުން މިހާރު 30 ދުވަހުގެ މުއްދަތަށް ކަރަންޓިންކޮށްފައިވާއިރު، ބާކީ ތިބި 10 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 593 ސާމްޕަލްއެއް ނެގި އިރު، 580 މީހުންގެ ވައިރަހަށް ނެގަޓިވްވެފައިވާ ކަމަށެވެ.
"މިވަގުތު މިފަދަ އުފާވެރި ހަބަރެއް ލިބުމުން އަޅުގަނޑުމެން ކުރާ މަސައްކަތައް ބަދަލެއް ނާދޭ. އަޅުގަނޑުމެން މިކަމުގައި އަމަލުކުރަން ޖެހޭ ގޮތަކަށް ބަދަލެއް އައިސްގެން ނުވާނެ،" ތިން މީހަކު ވައިރަހުން ރަނގަޅުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު ސައީދު
މަބްރޫކު ވިދާޅުވީ، ގިނަ މީހުން ވައިރަހުން ނެގަޓިވްވެ، ތިން މީހުން ބަލިން ރަނގަޅުވި ނަމަވެސް އެކަކުވެސް ވައިރަހުގެ ނުރައްކަލުން ހަދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކޮށް، ބަލިން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް މަބްރޫކު ވިދާޅުވިއެވެެ.
"މި ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑު. އަޅުގަނޑުގެ އުންމީދަކީ ދިވެހި ހުރިހާ ރައްޔިތުންވެސް މިބޭފުޅުންނަށް [ކަމާ ބެހޭ ފަރާތްތަކަށް] ދޭން ޖެހޭ ފުރިހަމަ އެހީތެރިކަން ދިނުން. އެއާއެކު އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ ދުވަހެއް މިންވަރުކުރެއްވުން،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ، މިއަދު ތިން ރިސޯޓަކުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ތިން ރިސޯޓު މޮނީޓަރުން ހަލާތަށް ގެނެސް އެމީހުން ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ވަނީ މިހާތަނަށް ކޮރޮނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން މިމަހު 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލު ނުރައްކާ އިއުލާންކޮށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ރިސޯޓުތަކުން މީހުން އެެހެން ރަށްތަކަށް ދިޔުން މަނާ ކުރުމާއި ކުރޫޒްލައިނާތައްވެސް އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ގެސްޓްހައުސްތައް ބަންދުކޮށް، މީހުން ދިރިއުޅޭ ރަށްތަކުގެ ސްޕާތައްވެސް ވަނީ ބަންދުކޮށްފައެވެ.
އެެންމެ ފަހުން އިއްޔެ ވަނީ ކެފޭ ރެސްޓޯރެންޓުތައް ވެސް މިރެއިން ފެށިގެން އާންމުންނަށް ބަންދުކުރުމަަށް ނިންމާފަ އެވެ. ސަރުކާރު ހަފްތާއެއްހާ މުއްދަތަށް ބަންދުކޮށް، މީހުން ޒަރޫރީ ބޭނުމެއް ނެތި މަގުމައްޗަށް ނުނިކުތުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.