ކޮރޯނާވައިރަހާ ގުޅިގެން މީހުން ކަރަންޓީނުކުރުމަށްޓަކައި ރާއްޖޭގެ އިތުރު ހަތަރު ރިސޯޓެއް ބޭނުންކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާވައިރަހާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރިސޯޓު ހިންގާ ހަތަރު ރަށެއް ކަމަށެވެ.

އެއީ މަލަހިނި ކުޑަބަނޑޮސް (ކ. ކުޑަބަނޑޮސް)، ބިޔާދޫ އައިލެންޑް ރިސޯޓު (ކ. ބިޔާދޫ) އަދި ނަކަތް ދިއްގިރި (ވ. ދިއްގިރި) އަދި ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)އެވެ.

އެ ހަތަރު ރަށުގެ އިތުރުން، އައިސޮލޭޝަނާއި ކަރަންޓީނު ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަނީ ހުޅުލެ އައިލެންޑް ހޮޓެލްއާއި ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ވެލިދޫ އައިލެންޑް ރިސޯޓު (އއ. ވެލިދޫ) އަދި ކ. ވިލިވަރުގައި ސަރުކާރުން ހަދާފައިވާ ފެސިލިޓީއެވެ.

މަބްރޫކް ވިދާޅުވީ މިއިން އެއްވެސް ރިސޯތަކަށް ދައުލަތުގެ ފަރާތުން ދައްކަންޖެހޭ ކުއްޔެއް ނޯންނާނެ ކަމަށެވެ.

"އެބޭފުޅުން [ރަށްތައް ކުއްޔަށް ނަގާފައިވާ މީހުން] އެބޭފުޅުންގެ އިސްނެންގެވުމުގެ މަތިން، މިވަގުތު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ކަމެއް އެ ރަށްތައް ހުޅުވާލުމަކީ،" އޭނާ ވިދާޅުވިއެވެ.

އަދި ދައުލަތުގެ ފަރާތުން އެތަންތަނުގައި ކުރާ ހަރަދަކަށް ވާނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ކުރާ ހަރަދުތައް އެކަނިކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހަރަދަކީ އެތަންތަނުގައި ތިބޭ މީހުންނަށް ކެއުމާއި ބުއިމާއި ކަރަންޓު ދިނުމާއި ފެން ދިނުމާ މިކަހަލަ ކަންކަމަށް ހޭދަވާ ފައިސާ،"

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސެސް މިއަދު ނިންމަވާފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށް ބުކިންގް ހައްދައިގެން އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ރާއްޖެ އެތެރެވުމާއެކު 14 ދުވަހު ކަރަންޓީނުކުރަން ޖެހޭ ކަމަށެވެ.

އަދި މީހުން ކަރަންޓީނުކުރުމަށާއި އައިސޮލޭޓުކުރުމަށް މާލެ ސަރަހައްދުގައި 1،000 އެނދު ހާއްސަކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.