ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން ކުރެއްދޫ ރިސޯޓުން އެކަހެރިކުރި މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ރަނގަޅުވީ ކުރެއްދޫ ރިސޯޓުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހެއް ކަމަށެވެ. އޭނާއަކީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

"އައިސޮލޭޝަން ފެސިލިޓީއެއްގައި ބަލަހައްޓަމުން ގެންދިޔަ ޕޮޒިޓިވް ބަލިމީހުންގެ ތެރެއިން އިތުރު މީހަކު އަނެއްކާވެސް ނެގެޓިވް ކަމަށް އަޅުގަނޑުމެންނަށް މިއަދު ނިންމިއްޖެ،" ޑރ. މުރާދު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ބަލިން ރަނގަޅުވެފައިވާ ކަމަށް މިއަދު ކަނޑައެޅި މީހާ ކުރެއްދޫން ގެންދިޔައީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށާއި، އޭނާގެ ފަރާތުން އެހާ ބޮޑަށް އަލާމާތްތައް ފެންނަން ނެތް ކަމަށެވެ.

އެހެން ނަމަވެސް ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމުން، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓައިގެން ފަރުވާދެމުން އައިސް، އަލުން ޓެސްޓު ހަދާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އެ ދުވަހު ހެދި ޓެސްޓުގެ ނަތީޖާވުމުން، ދެވަނަ ސާމްޕަލް ޓެސްޓު ކުރުމަށް ފޮނުވީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

"މި ދެ ސާމްޕަލް ވެސް ނެގެޓިވް ވުމާއެކު އޭނާ މި ބައްޔަށް ނެގެޓިވް ވެފައިވާކަމަށް މިހާރު ނިންމާފައި،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ އެމީހާ ބަލިން ރަނގަޅުވި ނަމަވެސް، އަދި އެމީހާ ދޫކޮށްނުލާނެ ކަމަށެވެ. ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އޭނާ އިތުރަށް މޮނިޓާ ކުރުމަށް އައިސޮލޭޝަންގައި ބަހައްޓާނެއެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ތިން މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި ބަލީގައި އެންމެ ހާލުބޮޑުވި، އުމުރުން 70 އަހަރުގެ މީހާ ވެސް ހިމެނެއެވެ.