މިހާރުގެ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު ވެސް އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް އަދިވެސް ހަދާފައި ނުވާތީ، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލާފައިވާ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރުމަށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގަވާއިދުތަކަށް ބެލެނިވެރިކަންދޭ ގާނޫނަށް، ކުރިން އިތުރުކޮށްފައިވާ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ މައްސަލަ ދިރާސާކޮށް ގަވާއިދު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައިވާ ގޮތަށް ހަ މަސް ދުވަސް އިތުރު ކުރަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން ރާއްޖެ އަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވައިދު، އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލުގައި ހިމެނުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތީން ބެލެނިވެރިކަމުގެ ގާނޫނުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް އެ މުއްދަތުގައި މަޖިލީހުން ހަދަން ޖެހޭ ގަނޫނުތައް މިހާތަނަށް އައި އިރު ވެސް ހެދިފައެއްނުވެ އެވެ.

މިއަދުގެ ޖަލްސާގައި ބެލެނިވެރިކަމުގެ ގާނޫނަށް، އިތުރު ކުރި، ރާއްޖެ އަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދަކީ، 2005 ވަނަ އަހަރު އޭޝިޔާގެ ގައުމުތަކުގައި ފެތުރެމުން ދިޔަ ދޫނި ރޯގާގެ ސަބަބުން ރާއްޖެ އަށް ދޫނި އެތެކުރުން މަނާ ކުރުމުން ފިޝަރީޒް މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތްތަކުން ސިވިލް ކޯޓުގައި ކުރި ދައުވާގެ ސަބަބުން ކޯޓުން ކުރި ހުކުމާ ގުޅިގެން މަޖިލީހުގެ ގަވާއިދު ކޮމިޓީ އަށް ފޮނުވި ގަވާއިދެކެވެ. އެ ގަވާއިދު ބެލެނިވެރިކަމުގެ ގާނޫނުގައި ހިމަނައިދިނުމަށް އެދި ފިޝަރީޒް މިނިސްޓްރީން ފޮނުވާފައި ވަނީ މިދިޔަ 2010 ވަނަ އެވެ.