21 Mar 2020, 13:53
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާނުކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މީހަކު، މި މަހުގެ 19 ވީ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ ދިޔަ ކަމަށެވެ.
އަދި ޖެހިގެން އައި 20 ވަނަ ދުވަހުގެ ރޭގެ ފްލައިޓުން އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ދިއުމުން ހުއްޓުވައި، އެ ރޭ 23:25 ހާއިރު ހައްޔަރުކޮށްފައި ވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވުމުގެ ސަބަބުން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.
އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މަހުގެ 16 ވަނަ ދުވަހު ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު ފަތާފައި އައްޑޫ ސިޓީ މީދޫއަށް އެރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އެމީހާ ހައްޔަރުކޮށް ބަންދަަށް 15 ދުވަސް ވަނީ ޖަހައިފައެވެ.