އޭޑީކޭގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ މައްސަލަ ބޮޑުވެގެން، އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ ސެނިޓައިޒާ ފުޅިއެއް ދަބަހަކަށް ލައިގެން ގެންދާ މީހެއްގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

އެ ވީޑިއޯގައި ފެންނަނީ މާސްކެއް އަޅައިގެން ހުންނަ ފިރިހެނަކު ގޮނޑިއެއްގައި އިށީނުމަށް ފަހު، ފާރުގައި ހަރުކޮށްފައި އިން ސެނިޓައިޒާ ފުޅިއެއް ނަގައި، ދަބަހަށް ލައިގެން ގެންދާ ތަނެވެ.

އޭޑީކޭ އިން ބުނީ ހޮސްޕިޓަލުގެ އެކި ތަންތަނުގައި ސެނިޓައިޒާ ފުޅި ހަރުކޮށްފައި ހުންނަނީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

"ފަހަކަށް އައިސް ގިނަ އަދަދެއްގެ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާކަން ވަނީ ފާހަގަވެފައި،" އޭޑީކޭގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އޭޑީކޭ އިން ހާމަކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ސެނިޓައިޒާ ފުޅި ފާރުގައި ހަރުކުރަން ބޭނުންކުރާ ސްޓޭންޑު ވެސް ހުރީ ނަގައިގެން ގެންގޮސްފަ އެވެ.

އޭޑީކޭ އިން ބުނީ މިވަގުތު ސެނިޓައިޒާ ލިބުމުގައި ދަތިކަމެއް އުޅޭކަން އެނގޭ ކަމަށާއި އަދި އެކަމާ ގިނަ އަދަދެއްގެ ބަޔަކު ހާސްވެގެން އުޅޭކަން ވެސް އެނގޭ ކަމަށެވެ.

"އެހެން ނަމަވެސް މިފަދަ ވަގުތެއްގައި ހޮސްޕިޓަލްތަކުން ވައްކަން ކުރުން ފަދަ ވިޔާނުދާ ކަންކަން ނުކުރުމަށާއި، މިއަށް ވުރެ ޒިންމާދާރުވުމަށް އިލްތިމާސް ކުރަން،" ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ކޮވިޑް19 އާ ގުޅިގެން ފިހާރަތަކުން ސެނިޓައިޒާ އާއި މާސްކު ފަދަ އެއްޗެހި ލިބުން ދަތިވެފައިވާ ކަމަށާއި އަދި ޑިމާންޑު ބޮޑުވުމާ އެކު ވިޔަފާރިވެރިން އެތަކެތީގެ އަގު ބޮޑުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު މި ރޯގާ ފެތުރެމުން އަންނަ އިރު، މެލޭޝިޔާގެ ހޮސްޕިޓަލުތަކުން ވެސް ސެނިޓައިޒާ އާއި މާސްކް ވަގަށް ނެގުމުގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ.

މެލޭޝިޔާ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ވެސް އަންނަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.