އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް ރިސޯޓު (އދ. މައްޗަފުށި)ން އަދި އަދާރަން ކްލަބް ރަންނާޅި (ކ. ރަންނާޅި)ން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދެ ދިވެހިންގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮރޯނާއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސެންޓާރާ ގްރޭންޑުން ދިވެއްސެއްގެ ސާމްޕަލް ނަގައިގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އަދި އަދާރަން ކްލަބް ރަންނާޅި ރިސޯޓުންވެސް ދިވެއްސަކު ޝައްކު ކުރެވިގެން ސާމްޕަލް ނަގައިގެން ޓެސްޓުކުރަމުންދާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ދެ ރިސޯޓުވެސް މޮނިޓަރިންގްއަށް ލާފައިވާ ކަމަށެވެ. އެ ހާލަތުގައި ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާވާނެއެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު ދެމީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ، އެންމެ ހާލު ދެރަވި 70 އަހަރުގެ މީހާ އާއި އޭނާގެ އަންހެނުންނެވެ.

މިހާތަށް ރާއްޖެއިން 565 މީހުން ވައިރަހަށް ޓެސްޓު ކުރިއިރު، 550 ސާމްޕްލް ވަނީ ނެގަޓިވްވެފަ އެވެ. ނަތީޖާ ނުލިބެނީ ދެ ސާމްޕަލެއްވެ އެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ. ބަލިން ރަނގަޅުވި ދެމީހުން އިތުރު ދެ ހަފްތާއަށް އައިސޮލޭޝަން ފެސިލިޓީގައި ބައިތިއްބައިގެން މޮނިޓާ ކުރާނެއެވެ.