ޑަބްލިޔުއެޗްއޯ (މާޗް 21): ކޮރޯނާވައިރަހުގެ ނުރައްކާ ޒުވާނުންނަށްވެސް އޮތް ކަމަށާއި އެހެންކަމުން ޒުވާނުންވެސް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނީ، ވައިރަހުގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވުމުން ގިނަ ގައުމުތަކުގައި ޒުވާނުން ސިއްހީ އިރުޝާދުތަކަށް ބޯނުލަނބާކަމަށް ބުނާ ރިޕޯޓުތައް އާއްމުވުމާ ގުޅިގެންނެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި ވައިރަހުގެ ސަބަބުން އެންމެ ބޮޑުވަރު ވަނީ ދުވަސްވީ މީހުންނަށް ކަމަށްވީ ނަމަވެސް ޒުވާނުންނަށްވެސް އެ ވައިރަސް އަރައެވެ. އަދި އޭގެ ސަބަބުން ޒުވާނުންގެ ފުރާނައަށްވެސް ނުރައްކާވާ ހާލަތަކަށް ގޮސްދާނެއެވެ.

"އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވީ ނަމަވެސް ޒުވާނުންނަށްވެސް މި ވައިރަސް އަރާ. ޒުވާނުންނަށް އަޅުގަނޑުގެ މެސެޖެއް އެބައޮތް: ޒުވާނުންނަކީ [ވައިރަހުން] ބަލި ނުވާނެ ބަޔެއް ނޫން. ވައިރަހުގެ ސަބަބުން ޒުވާނުންވެސް ހޮސްޕިޓަލުގައި އެތައް ހަފްތާއެއް ހޭދަކުރަންޖެހި އޭގެ ސަބަބުން މަރުވެސް ވެދާނެ،" ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ އިތުރުން ވައިރަހުގެ ސަބަބުން ބަލި ނުވި ނަމަވެސް، އެހެން މީހުންނަށް ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ޒުވާނުންވެސް އެއްވެ އުޅުން ހުއްޓާލަން ޖެހޭކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

އެ ވައިރަހާ ބެހޭ ދިރާސާތަކުން ދައްކާ ގޮތުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ވައިރަސް އަރަ އެވެ. ނަމަވެސް އޭގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި އެހެން ސިއްހީ މައްސަލަތައް ހުންނަ މީހުންނަށެވެ.

އެ ވައިރަހުގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ އިޓަލީގައި މިހާރު 4,032 މީހަކު ވަނީ މަރުވެފައެވެ. އަދި އެމީހުންގެ އެވަރެޖު އުމުރަކީ 78.5 އަހަރެވެ.

މީގެ އިތުރުން، ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން ޗައިނާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން 99 ޕަސެންޓު މީހުންނަކީ 50 އަހަރުން މަތީގެ މީހުންނެވެ. އަދި ވައިރަސް ޖެހުނު 80 އަހަރުން މަތީގެ މީހުންގެ ތެރެއިން 15 ޕަސެންޓު މީހުން މަރުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 166 ގައުމަކަށް ފެތުރި، 275،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 88,250 މީހެއްގެ ބަލި ރަނގަޅުވެފައިވާ އިރު، 11,397 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.