ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބަންޑާރަ ނައިބު ގައްދޫ ކޯޓަށް ހާޒިރުވާން ލާޒިމް ކޮށްފައިވާކަން އެނގެން ނެތުމުން އެ އަމުރު ބާތިލް ކޮށްދެވެން ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކޮށްފައިވަނީ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެ ކޯޓުން ފޮނުވި "ކޯޓަށް ހާޒިރުވުމުގެ އަމުރު" އިސްތިއުނާފް ކުރުމަށް ބަންޑާރަ ނައިބްގެ އޮފީހުން ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު މިއަދު އެވެ.

ހައިކޯޓުން މިއަދު ކުރެއްވި ހުކުމްގައި ބުނެފައި ވަނީ ބަންޑާރަ ނައިބް ކޯޓަށް ހާޒިރުވުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުއްވާފައިވަނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެއްގައި އޭޕްރީލް ،16 1995 ވަނަ ދުވަހުން ފެށިގެން ޖޫން 26، 2006 ވަނަ ދުވަހާއި ހަމަޔަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތު ޕެންޝަންގެ މުއްދަތުގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ގައްދޫ މީހަކު އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ޑރ. އަޒުމިރާލްދާ ޒާހިރު އާއި އަބްދުއް ރައޫފް އިބްރާހިމް އަދި އައްބާސް ޝަރީފް ސޮއި ކުރައްވައި މިއަދު އިއްވެވި ހުކުމްގައި ބުނެފައި ވަނީ އެ އަމުރުގައި ބަންޑާރަ ނައިބު އަމިއްލަފުޅަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް ލާޒިމް ކޮށްފައިވާކަން އެނގެން ނެތްކަމަށާއި ބަންޑާރަ ނާއިބްގެ ބަދަލުގައި އެމަނިކުފާނު ކަނޑައަޅުއްވާ އެހެން ފަރާތެއް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައި ދެވިދާނެކަމަށް އެ ކޯޓަށް ފާހަގަކުރެވޭ ކަމަށެވެ.

"ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި އެޓާނީ ޖެނެރަލް އަލްއުސްތާޒް އަބްދުﷲ މުއިއްޒުގެ ނަންފުޅު ލިޔެވިފައި އޮތްނަމަވެސް އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އަމިއްލަފުޅަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވެ ވަޑައިގެންނެވުން ލާޒިމް ކުރާކަން އެ އަމުރުން އެނގެން ނެތަތީ، އެޓާނީ ޖެނެރަލް ކަނޑައަޅާ ފަރާތެއް އެޓާނީ ޖެނެރަލް ގެ ބަދަލުގައި ކޯޓަށް ފޮނުވުމުގެ ބާރު އެޓާނީ ޖެނެރަލް އަށް ލިބިފައިވާތީ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އަމިއްލަފުޅަށް ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެކަން ބަލާނެ ތަނެއް ނެތްކަމާއި، އަދި ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ އަމުރުގައި އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު ޖަހާފައި އޮތް އޮތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އެ އަމުރު ބާތިލް ކުރަންޖެހޭ ވަރުގެ ކަމެއް ނޫންކަމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވުމުން، އެގޮތަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" ހައި ކޯޓްގެ ހުކުމްގައި ވެއެވެ.