21 Mar 2020, 10:33
ކޮރޯނާވައިރަހާ ދެކޮޅަށް ސާކުގެ ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފެއްދި އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން 200،000 ޑޮލަރު ދިނުމަށް ނިންމައިފި އެވެ.
މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެގުމަކަށް ފެށި ފަންޑެކެވެ. ސާކް ގައުމުތަކުގެ ލީޑަރުން އެކަމަށް އެއްބަސްވީ، މޯދީގެ ދައުވަތަކަށް ސާކުގެ ލީޑަރުންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިންނެވެ.
އެ ފަންޑު ފެށުމަށް އިންޑިއާއިން 10 މިލިއަން ޑޮލަރު ވަނީ ދީފަ އެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަންޑުން މިހާތަނަށް ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އެކި ގައުމުތަކުން ވަނީ ހުށަހަޅައިފަ އެވެ.
ޓެލެކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭނުން ވަނީ، ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސަރަހައްދުގެ އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމުގެ އިތުރަށް، އިގްތިސާދީ ގޮތުން ދިމާވާ ގޮންޖެހުން އަރައިގަތުމަށް އިގްތިސާދީ އެހީ ލިބޭނެ ފަދަ އިންތިޒާމެއް ސާކުގެ ތެރެއިން ހަމަޖެއްސުމެވެ.