ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

މީގެ ކުރިން ކަރަންޓީިން ކުރަނީ ހަމައެކަނި މީހުން އައުން މަނާކޮށްފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން އަންނަ ދިވެހިން އެކަންޏެވެ. އެ ނޫން ގައުމުތަކުން އަންނަ މީހުން ދިވެހިން ދޫކޮށްލަނީ ހޯމް އައިސްލޭޝަނަށެވެ.

ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ރޭ ފަތިހު 4:00 ގައި ނެރުނު އެންގުމުގައި ބުނެފައިވަނީ، އެވަގުތުން ފެށިގެން ވައިގެ މަގުން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އަންނަ ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭގައި ދިވެހިން އަދި އެކިއެކި ވިސާތަކުގައި ރާއްޖެ އަންނަ މީހުންވެސް ހިމެނޭނެ ކަމަށް އެ އެންގުމުގައި ބުނެ އެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން މިމަހު 12 ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އޭއާއެކު ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ގިނަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ގާނޫނުން ލިބިގެންވެ އެވެ.

އެގޮތުން މި ފިޔަވަޅަކީވެސް ގާނޫނުން ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެޅި ފިޔަވަޅެކެވެ.

މި އެންގުމާއެކު ކުރިން މިކަމާ ގުޅޭ ގޮތުން މިމަހު 18 ވަނަ ދުވަހު ނެރުނު އެންގުން ބާތިލުވާނެ ކަމަށް އެންގުމުގައި ބުނެ އެވެ. ކުރިން ނެރުނު އެންގުމުގައި ބުނެފައި ވަނީ، ރާއްޖެއިން ފިޔަވަޅު ނާޅާ ހުރި ގައުމުތައް ނުވަތަ ސަރައްހަދުތަކުން އަންނަ ދިވެހިން ގޭގައި އެކަހެރި ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިހާރު ނެރެފައިވާ އެންގުމާއެކު ބިދޭސީންވެސް އިސްތިސްނާ ނުވާނެހެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރުން މަޖުބޫރުވާނެ އެވެ.

މި އެންގުމާ ގުޅިގެން އިތުރަށް ސުވާލު ކުރުމުން ކޮރޯނާވައިރަހުގެ މައުލޫމާތު ހިއްސާ ކުރާ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ސަން" އަށް ވިދާޅުވީ، އެ އެންގުމުގެ މަގްސަދަކީ ސަރުކާރުން ހަދާފައިވާ ކަރަންޓީން ފެސިލިޓީސްތަކުގައި މީހުން ކަރަންޓީން ކުރުން ކަމަށެވެ.

"އެންގުމުގެ ދަށުން ގޭގައި އެކަހެރިކުރުމުގެ އިހްތިޔާރުވެސް ލިބިގެންވޭ. އެކަމަކު އިންޓެންޝަނަކީ ސަރުކާރުގެ ކަރަންޓިން ފެސިލީޓީގައި ކަރަންޓީން ކުރުން. މަސައްކަތް މި ކުރަނީ އަންނަ އެންމެންވެސް ރިސޯޓުގައި އެކަހެރިކުރުމަށް." މި އެންގުމުގެ ދަށުން މީހުން ގޭގައި ކަރަންޓީންކޮށްފާނެތޯ ސުވާލު ކުރުމުން މަބްރޫކު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ވަނީ މީހުން ދިރި ނޫޅޭ ހަ ރަށެއްގައި ކަރަންޓީން އަދި އަސޮލޭޝަން ފެސިލިޓީސްތައް ގައިމްކޮށްފަ އެވެ. އެއީ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)، ފަރުކޮޅުފުށި، ވިލިވަރު، ވެލިދޫ އައިލެންޑް ރިސޯޓު އަދި ފަން އައިލެންޑް ރިސޯޓެވެ. މިހާތަނަށް 225 މީހުން ވަނީ އެތަންތަނުގައި ބައިތިއްބައިފަ އެވެ.

ވިލިވަރުގެ ޖާގަ ބޮޑުކުރުމަށް ފޭސް ދޭއް ގެ މަސައްކަތް މިހާރު ދަނީ ކުރަމުންވެ. އެގޮތުން އެރަށުގެ ޖާގަ 100އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އަދި އިތުރު އެހެން ބައެއް ރިސޯޓުތައްވެސް މީޙުން އެކަހެރިކުރުމަށް ހާއްސަކުރުމުގެ މަސައްކަތް ސަރުކާރުުން ދަނީ ކުރަމުންނެވެ.

ކަރަންޓީން/އައިސޮލޭޝަން މަރުކަޒުތައް:

  • ވިލިވަރު: 28 މީހުން ކަރަންޓީންގައި

  • އެޗްއައިއެޗް: 120 މީހުން ކަރަންޓީންގައި
  • ދަރުމަވަންތަ ހޮސްޕިޓަލު: 3 މީހުން ކަރަންޓީންގައި
  • ވެލިދޫ އައިލެންޑް ރިސޯޓު: 15 މީހުން އައިސޮލޭޝަން
  • ފަން އައިލެންޑް: 59 މީހުން އައިސޮލޭޝަން

ކަރަންޓީން އާއި އައިސޮލޭޝަން ހާއްސަ މަރުކަޒުތައް ނުލާ، 20 އަތޮޅެއްގައި ކަރަންޓީނަށާއި އައިސޮލޭޝަނަށް ވަނީ އިތުރު 641 ޖާގަ ހަދާފަ އެވެ.

މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ވައިރަހަށް ޕޮޒިޓިވި އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަސް ފެނިފައެއް ނުވެ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ. ޕޮޒިޓިވްވެގެން ހާލު ރަނގަޅުވި ދެ މީހުން މިހާރު ތިބީ 30 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކޮށްފަ އެވެ.