ކޮރޯނާވައިރަސް، ކޮވިޑް-19 ރައްކާތެރިވުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން އަންދާޒާ ކުރި ވަރަށް އެ ވައިރަސް ނުފެތުރޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ވައިރަހަށް ޕޮޒިޓިވި އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަސް ފެނިފައެއް ނުވެ އެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް މިރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮރޯނާވައިރަސް ރާއްޖެއިން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ އުންމީދު އަދިވެސް ގެއްލުވާނުލާ ކަމަށެވެ. އަދިވެސް ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަމީން ވިދާޅުވި އެވެ.

"މިދިޔަ 14 ދުވަސްތެރޭ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ވައިރަސް ފެތުރުން ނިސްބަތް އިރާދަކުރެއްވިޔާ ކުރިން އަންދާޒާ ކުރި ވަރަށްވުރެ، މަޑުން ދާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ޑޮކްޓަރުނާއެކު: ބަލި ފެތުރުން އަންދާޒާކުރި ވަރަށް ވުރެ މަޑު ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު ސައީދު

އަމީން ވިދާޅުވީ، ޑަބްލިއުއެޗްއޯ އާއި އެހެން ގައުމުތަކުން ކޮރޯނާވައިރަހަށް ފަރުވާކުރި ގޮތުގެ ތަޖުރިބާގެ އަލީގައި އައިޖީއެމްއެޗުން ކުރި މަސައްކަތުން މިހާތަނަށް ދެ މީހަކު ވައިރަހުން ރަނގަޅުވުމަކީ ފާހަކަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިކަމުގައި ސަރުކާރު ހުރިހާ އިދާރާތަކާއި ކަމާ ބެހޭ ފަރާތްތަކުންވެސް ވަރުބަލިކަމެއް ނެތި، މުޅި ގައުމު މިކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެން،" އަމީީން ވިދާޅުވި އެވެ.

ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ރިސޯޓުތަކުން މީހުން އެެހެން ރަށްތަކަށް ދިޔުން މަނާ ކުރުމާއި ކުރޫޒްލައިނާތައްވެސް އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ގެސްޓްހައުސްތައް ބަންދުކޮށް، މީހުން ދިރިއުޅޭ ރަށްތަކުގެ ސްޕާތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

އެެންމެ ފަހުން މިއަދު ވަނީ ކެފޭ ރެސްޓޯރެންޓުތައް ވެސް މާދަމާ ރެއިން ފެށިގެން އާންމުންނަށް ބަންދުކުރުމަަށް ނިންމާފަ އެވެ. ސަރުކާރު ހަފްތާއެއްހާ މުއްދަތަށް ބަންދުކޮށް، މީހުން ޒަރޫރީ ބޭނުމެއް ނެތި މަގުމައްޗަށް ނުނިކުތުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޅަމުން ދަނީ މުޅި ރާއްޖޭގައި އާއި ހާއްސަކޮށް މާލޭގައި މީހުން ތަންތަނަށް އެއްވެ އުޅުމުން ދުރުކޮށް، ސޯޝަލް ޑިސްޓެންސިންއަށް ސަމާލުކަން ދިނުން ކަމަށެވެ. އަމީން ވިދާޅުވީ، މިވަގުތަކީ އުދަނގޫ ދަނޑިވަޅެއް ކަމަށާއި ނަމަވެސް އެންމެގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މީގެ ބޭނުމީ، އަޅުގަނޑުމެން އެންމެން މިކަމުން ސަލަމާތްވުން. އެހެން ކަމުން މިކަންކަމަށް [އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް] ރައްޔިންތން ސަމާލުކަންދިނުމަކީ، ވަރަށް މުހިންމު ކަމެއް،" އަމީން އެދިވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަދައްވަނީ --- ސަން ފޮޓޯ/ އަހްމަދު ސައީދު

ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އަމީން ދެއްވި ޔަގީން ކަމަކީ، މިކަމުގައި ރައްޔިތުންނަށް މައުލޫމާތު ސިއްރު ނުކުރާނެ ކަމަށާއި މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށެވެ.

މިހާތަށް 565 މީހުން ވައިރަހަށް ޓެސްޓު ކުރިއިރު، 550 ސާމްޕްލް ވަނީ ނެގަޓިވްވެފަ އެވެ. ނަތީޖާ ނުލިބެނީ ދެ ސާމްޕަލެއްވެ އެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ. ޕޮޒިޓިވްވެގެން ހާލު ރަނގަޅުވި ދެ މީހުން މިހާރު ތިބީ 30 ދުވަހުގެ މުއްދަތަކަށް ކަރަންޓީންކޮށްފަ އެވެ.