ކޮރޯނާ ވައިރަސް ފެތުރިދާނެކަމުގެ އިންޒާރުތަކާއެކުވެސް އިންޑޮނީޝިއާގެ ބައެއް މުސްލިމުން މާސްކު އަޅައިގެން މިސްކިތުގައި ދުރުދުރުގައި ތިބެގެން ހުކުރު ނަމާދުކޮށްފިއެވެ.

މިދިޔަ މަހު މެލޭޝިއާގެ މިސްކިތެއްގައި ބޭއްވި ބޮޑު އެއްވުމެއްގައި ބައިވެރިވި ބައެއް މީހުންނަށް ކޮރޯނާ ވައިރަސްގެ އަސަރުކުރިއެވެ. ސޯޅަހާސް މުސްލިމުން ބައިވެރިވި އެ ބައްދަލުވުމުގައި 670 މީހުންނަށް ކޮރޯނާ ޖެހުނުއިރު އޭގެ ތެރޭގައި އިންޑޮނީޝިއާގެ 13 މީހުންވެސް ހިމެެނެއެވެ.

އިންޑޮނީޝިއާގެ 309 މީހަކަށް ކޮރޯނާ ވައިރަސް ޖެހުނުއިރު 20 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އިންޑޮނީޝިއާގެ ބައެއް މުސްލިމުން ބުނީ ކޮރޯނާ ފަދަ ބަލިތަކަކީ ފަރުޟު ކަންތައްތަކުން ރެކެވޭނެކަމެއް ނޫން ކަމަށެވެ.

އިންޑޮނީޝިއާގެ މިސްކިތުގައި ނަމާދުކުރަނީ---

"ﷲ ފަރުޟު ކުރައްވާފައިވާ ކަންތައްތައް ކުރާނަމަ، އެކަލާނގެ އަހަރުމެންނަށް ރައްކާތެރިކަން ދެއްވާނެ" އިންޑޮނީޝީއާގެ ޖަކާޓާގެ މިސްކިތަކަށް އެރި 76 އަހަރުގެ އަސްވިން ބުންޏެވެ.

އެ މިސްކިތް ހުރި ސަރަހައްދުން ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އެ މިސްކިތުގައި ނަމާދުކުރީ އެތަން ރަނގަޅަށް ސާފުވެސް ކުރުމަށްފަހުއެވެ.

އިންޑޮނީޝިއާގެ މިސްކިތުގައި ހުކުރު ނަމާދުކުރަނީ---

އެއް މިސްކިތުގައި ނަމާދަށް ދިޔަ މީހުންގެ ފިނިހޫނުމިންވެސް ވަނީ ބަލައިފައެވެ.

އިންޑޮނީޝިއާގައި ހުންނަ އެންމެ ބޮޑު މިސްކިތް މަސްޖިދުލް އިސްތިގުލާލްގައި މިއަދު ހުކުރު ނަމާދުކޮށްފައެއް ނުވެއެވެ.

އިންޑޮނީޝިއާގެ ޖާވާގެ މިސްކިތެއްގައި ނަމާދު ކޮށްފައިވަނީ ކޮންމެ މީހަކު މާސްކު އަޅައިގެންނެވެ. ނަމާދުކުރި އިރު ކޮންމެ މީހެއްގެ ދުރުމިނުގައި ދެ ފޫޓް ހުއްޓެވެ.

އިންޑޮނީޝިއާގެ މިސްކިތަކަށް ނަމާދަށް ދިޔަ މީހުންގެ ފިނިހޫނުމިން ބަލަނީ--

ޖަކާޓާގެ ހުޅަނގުގައި ހުރި މިސްކިތަކަށް ނަމާދަށް ދިޔަ މީހަކު ބުނީ އޭނާ ނަމާދަށް ދިޔައީ ޖަމާއަތުގައި ނަމާދުކުރުން ސީދާ މަނާކޮށްފައިނުވާތީ ކަމަށެވެ. އަދި ﷲ އޭނާއަށް ރައްކާތެރިކަން ދެއްވާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ބުންޏެވެ.