އައިލެންޑް ސަފާރީ-1އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެ ބިދޭސީންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.

ވެލިވަރު އައިލެންޑް ރިސޯޓްގެ ކަރަންޓީނު ފެސިލިޓީގައި ފަރުވާދެމުންދިޔަ އެމީހާގެ ހާލު ގޯސްވެގެން އިތުރު ފަރުވާއަށް ދަރުމަވަންތައަށް ބަދަލުކުރީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ނޭޝަނަލް އެމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ ވިދާޅުވީ އެމީހާ ދަރުމަވަންތައަށް ގެންދިޔައިރުވެސް، އޮކްސިޖަންހުރީ 94 ޕަސެންޓުގައި ކަމަށާއި ނަމަވެސް މިހާރު އޮކްސިޖަން 97 ޕަސެންޓަށް މަތިވެފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާގެ ލޭގެ ޕްރެޝަރުވެސް މިހާރު ރަނގަޅު ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.

"އެހެންވީމަ އެ ދެ ޕެރިމީޓަރ އާއި ދެންހުރި ކަންތައްތަކަށް ބަލާފައި އެވްރެޖްކޮށް ބަލި މީހާގެ ހާލަތަށް ބަލާފައި އަޅުގަނޑު މިދަންނަވަނީ ސްޓޭބަލްއޭ. މިހެން ބުނިކަމުގައިވިޔަސް މިކަހަލަ ބަލި މީހުންނަކީ ދަށްވެދާނެ މީހުންނޭ. އަޅުގަނޑުމެން އޮބްޒާވްކުރަމުން މިދަނީ އިތުރު ބަދަލުތަކެއް އާދޭތޯ. އިތުރު ބަދަލެއް އަތުވެއްޖެއްޔާ އަޅުގަނޑުމެން މީޑިއާ އާ ހިއްސާ ކުރަމުން ދާނަން،" ޑރ. މޫސާ ވިދާޅުވިއެވެ.

ވިލިވަރު އައިލެންޑް ރިސޯޓްގެ ކަރަންޓީނު ފެސިލިޓީއަށް އައިލެންޑް ސަފާރީ-1 އިން ގެންދިޔަ އަނެއް މިހާއަށް އަދިވެސް އަންނަނީ އެތަނުގައި ފަރުވާދެމުންނެވެ. އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.