ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19އާ ގުޅިގެން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރާތީވެ ޑޮކްޓަރުންގެ އިތުބާރު ގެއްލޭ ކަމަށާއި އެެގޮތަށް ކަންތައް ނުކުރުމަށް ކޮރޯނާވައިރަސް ޓާސްކްފޯސްގައި އިސްކޮށް ހަރަކަތްތެރިވާ ޑރ. އަލީ ލަތީފު އާދޭހާ އެކު އެދިވަޑައިގެންފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ދިވެއްސަކު ވައިރަށް ޕޮޒިޓިވްވެ، އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނެ ޗެނަލް-13 އިން އަކުން ދޮގު މައުލޫމާތުތަކެއް ފެތުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރުވަނީ އެ މީޑިއާއާ މެދު ފިޔަވަޅުވެސް އަޅާފަ އެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ، ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން އެއްވެސް ބަލި މީހަކު އެޑްމިޓްކޮށް ޓެސްޓު ހަދާ ނަމަވެސް ޑޮކްޓަރުންނަށް އެނގޭނެ ކަމަށާއި ޓެސްޓު ތަކުގެ ނަތީޖާ ސިއްރު ކުރުމެއް ނެތި ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށެވެ. މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ޑޮކްޓަރުން ކުރާ މަސައްކަތަކީ، ހެޔޮ ނިޔަތުގައި ރަނގަޅަށް ކުރާ މަސައްކަތެއްގެ ގޮތުުގައި ރައްޔިތުން ގަބޫލު ކުރެއްވުމަށް އޭދޭ ކަމަށް އަލީ ލަތީފު ވިދާޅުވި އެވެ.

"އެކަމަށް ހުރަސް އެޅުމަށް އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ، ޕަބްލިކް ކޮންފިޑެންސް [އާންމުންގެ އިތުބާރު] ޑޮކްޓަރުންނާ މެދު ގެއްލޭނެ ކަމެއް. އަޅުގަނޑުމެން ވަރަށް ދެރެވޭ އައިޖީއެމްއެޗްގައި އޮންނަ ޕޭޝަންޓެއްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް މީޑިއާގައި [ދޮގު މައުލޫމާތު] ފެތުރުމުން. އެއީ ވަރަށް ދެރަ ކަމެއް،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ، ޓެސްޓެއްގެ ނަތީޖާ ލިބުން ވަގުތުން ވަގުތަށް ހިއްސާ ނުކުރެވިދާނެ ކަމަށާއި ނަމަވެސް އެއްވެސް މައުލޫމާތެއް ސިއްރުނުކޮށް މީޑިއާޔަށް އާންމު ކުރައްވާނެ ކަމަށެވެ. ޑޮކްޓަރުން ބޮޑު ރިސްކަކާ އެކު މަސައްކަތް ކުރަމުންދާއިރު، އެ ޑޮކްޓަރުންގެ އެދުމަކީ، އެގޮތަށް ދޮގު މައުލޫމާތު ނުފެރުތުރުން ކަމަށް ޑރ. ވިދާޅުވި އެވެ.

"[އަޅުގަނޑުމެން އެދެނީ] ޑޮކްޓަރުންގެ އަގު ވެއްޓޭގޮތަށް، އެބޭފުޅުންގެ އިތުބާރު ގެއްލޭގޮތަށް އެއްވެސް ކަހަލަ ވާހަކައެއް ނުދެއްކެވުން. އެހެން ހަދާފިއްޔާ މިކަން ބޮޑުވެގެންދާއިރުވެސް އަޅުގަނޑުމެން ދައްކާ ވާހަކަ ބަލި މީހުންވެސް ބަލި މީހުންގެ އާއިލާއިންވެސް އާންމު ރައްޔިތުންވެސް ގަބޫލުނުކޮށްފާނެ ހިތުގައު ޝައްކު އުފައްދަފާނެ،" ޑރ. އަލީ ލަތީފު ވިދާޅުވި އެވެ.

އެއީ އެބޭފުޅުން ކުރައްވާ މަސައްކަތާ ބަލާއިރު، ރައްޔިތުންގެ ފަރާތުން އެދޭ ވަރަށް ކުޑަ ކަމެއް ކަމަށް ޑރ. ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވި އިރު، ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ ވަނީ އިއުލާން ކުރައްވާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާވާލައްވަމުން މިނިސްޓަރު އަމީންވެސް ދެއްވި ޔަގީން ކަމަކީ، ރައްޔިތުންނަށް މައުލޫމާތު ސިއްރު ނުކުރާނެ ކަމަށެވެ. މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ.