ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19 އަށް ޝައްކު ކުރެވިގެން ރަޝިޔާ އިން އެކަހެރި ކުރި ތިން ދިވެހީންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ނެގެޓިވް ވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރަޝިޔާއިން ކަރަންޓީން ކުރި ދެ ދިވެއްސަކު އެ ބައްޔަށް ނެގެޓިވް ކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

"އޭގެ ތެރެއިން ދެ ކުއްޖެއްގެ ނަތީޖާގެ ސާމްޕަލް ނެގެޓިވް. އިތުރު އެއް ކުއްޖެއް ސާމްޕަލް ވަނީ ނެގިފައި. އެކަމު ނަތީޖާ އަދި އަޅުގަނޑުމެނާ ހަމައަށް ލިބިފައެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.

އެއީ ރަޝިޔާގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެކެވެ. އެ ދަރިވަރުން އެންމެ ފުރަތަމަ ކަރަންޓީން ކުރީ ފަސް ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ދިހަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާތަނަށް ނަތީޖާ ނުލިބޭ ދަރިވަރުގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީން އެ ތިން ދަރިވަރުންގެ ހާލު ބަލަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.