20 Mar 2020, 20:38
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ދެމީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ބަލިން ރަނގަޅުވީ އެންމެ ހާލު ދެރަވެގެން އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއާގައި ފަރުވާ ދެމުން އައި ބަލި މީހާއާއި، އޭނާގެ އަންހެނުންނެވެ. ދެމީހުންގެ ތެރެއިން ހާލު ބޮޑުވީ 70 އަހަރުގެ މީހާއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ހަށިގަނޑުގައި އޮކްސިޖަން ނުހިފަހައްޓާތީ، އޮކްސިޖަން ދޭން ޖެހުނެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިހާރު އޭނާގެ ހާލު މުޅިން ރަނގަޅު، ކޮވިޑް19 އަށް ނެގެޓިވް ވެފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރުގައި އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއާގައި ފަރުވާދޭ ފަރާތާ އެކީގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ދެ ފަރާތެއް، މިހާރު މިވަނީ ކޮވިޑް19 އަށް ނެގެޓިވް ވެފަ،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަލި ޖެހުނު މީހަކު ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ، ދެ ފަހަރަށް ސާމްޕަލް ޓެސްޓު ކުރުމަށްފަހުއެވެ. އަދި އެ ދެމީހުންގެ ދެ ސާމްޕަލް ވެސް ކޮވިޑް19 އަށް ނެގެޓިވް ވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި އިތުރު ބައެއް ފަރާތްތަކުގެ ފުރަތަމަ ސާމްޕަލް މިހާރު ނެގެޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އަދަދު ހާމަކުރައްވައިފައެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވީ އެމީހުންގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ލިބުމުން އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑު އަދި އަދަދު ނުދެންނެވި ނަމަވެސް، އަޅުގަނޑުމެންގެ އަތުގައި އެބަހުރި ބައެއް ފަރާތްތައް ޓެސްޓު ނެގެޓިވް ވެފަ. ނަމަވެސް ދެވަނަ ސާމްޕަލްތައް ޓެސްޓު ކުރެވި ކަށަވަރު ވުމާ ހަމައަށް ދިއުމާއެކު އަޅުގަނޑުމެން އެ މައުލޫމާތު ވެސް ތިބޭފުޅުންނާ ހިއްސާ ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ބައްޔަށް ނެގެޓިވްވި ދެމީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކަންކަން ކުރަމުން އަންނަ އިރު، އެ ދެމީހުން ދެން ގެންދާނީ އައިސޮލޭޝަން ފެސިލިޓީއަކަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ ހާލު ބޮޑުވި ބަލިމީހާ އޮކްސިޖަން ދަށްވެ ފުއްޕާމޭގެ ދެފަރާތުގައި ނިއުމޯނިއާގެ އަސަރު ހުރި ކަމަށެވެ.
"އަލްހަމްދުﷲ މިއީ އަޅުގަނޑުމެންނަށް އެންމެ ބަލި ހާލަތުގައި ދިމާވި ބަލި މީހާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ކުރެވިއްޖެ،" ޑރ. މޫސަ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ މާދަމާ ނުވަތަ އާދީއްތަ ދުވަހު އެމީހުން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް 70 އަހަރުގެ މީހާއަކީ ސިވިއާ ނިއުމޯނިއާ ކޭސް އަކަށް ވާތީ، އޭނާ އަދި އިތުރު ދެ ހަފްތާއަށް އައިސޮލޭޓު ކުރާނެ ކަމަށެވެ.
ކޮވިޑް19 އިން ރަނގަޅުވާ ބައެއް މީހުންނަށް އަލުން އެ ބަލި ޖެހޭކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ، މިހާރު ބަލިން ރަނގަޅުވި ދެމީހުން ވެސް ދެ ހަފްތާއަށް އައިސޮލޭޓް ކުރުމަށްފަހު ވެސް އަލުން ޓެސްޓު ހަދާނެ ކަމަށާއި، ގައުމަށް ފޮނުވާނީ އެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ވުމުން ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ މިކަން ކާމިޔާބު ކުރެވުނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ނަރުހުންނާއި މުޅި ޓީމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ދެ ބިދޭސީން ބަލިން ރަނގަޅުވެފައި ވާއިރު، މިހާރު އައިޖީއެމްއެޗްގައި މިހާރު ބައްޔަށް ޕޮޒިޓިވް އެކަކަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ އައިލެންޑް ސަފާރީ-1އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެ ބިދޭސީންގެ ތެރެއިން ހާލު ބޮޑުވެގެން ކައިރިން މޮނިޓާ ކުރުމަށް ރޭ ގެންދިޔަ ބިދޭސީ މީހާއެވެ.