ސަރުކާރުން އަލަށް ފަށާ އެކި މަޝްރޫއުތަކަށާއި އަދި ބަޖެޓު ސަޕޯޓަށް އަންނަ އަހަރު ސަރުކާރުން މުޅިން އަލަށް ނަގާ ލޯނުގެ ޖުމްލަ ގާތްގަނޑަކަށް 5.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަން ހާމަވެއްޖެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 14 ބިލިއަން ރުފިޔާ އަށް އަރައި އަދި 3.8 ބިލިއަން ރުފިޔާ އިން ދަރަނިވާ ކަމަށް ލަފާކުރާ އިރު އަންނަ އަހަރު އަލަށް ފަށާ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށާއި އަދި ބަޖެޓް ޑެފިސިޓަށް ފައިނޭންސް ކުރުމަށް ބޭރުގެ އެކި ފަރާތްތަކުން ނަގާ ލޯނުގެ އަދަދު ގާތްގަނޑަކަށް 358.5 މިލިއަން ޑޮލަރަށް އަރާ ކަމަށް ބަޖެޓު ފޮތުން ދައްކަ އެވެ. އެއީ ރަސްމީ ރޭޓުން 5.5 ބިލިއަން ރުފިޔާ އަރާވަރުގެ އަދަދެކެވެ. އަދި ރާއްޖޭގެ އެކި އިދާރާތަކުން ރުފިޔާ އިން ނަގާ ލޯނު 30.7 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ލޯނުގެ ތަފްސީލްތަކަށްދާ އިރު ހަތަރު އަތޮޅެއްގައި އަޅާ 1500 ހައުސިން ޔުނިޓު އެޅުމަށް ޗައިނާގެ އެގްޒިމް ބޭކުން 150 މިލިއަން ޑޮލަރުގެ ލޯނެއް 25 އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށް ނެގުމަށް ވަނީ ނިންމައިފަ އެވެ. އެއީ އަހަރަކު ދެ ޕަސެންޓުގެ އިންޓަރެސްޓާ އެކު ނަގާ ލޯނެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އޭޝިއަން ޑިވަލޮޕްމަންޓް ބޭންކުން 5.5 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ނަގަން ވަނީ ބަޖެޓް ކޮށްފަ އެވެ. އެއީ 24 އަހަރު ދުވަހުގެ ތެރޭގައި އަހަރަކު އެއް ޕަސެންޓުގެ އިންޓަރެސްޓް ރޭޓާ އެކު ނަގާ ލޯނެކެވެ. ހަމަ އެ ދާއިރާ އަށް ހަރަދުކުރުމަށް އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކުން އަހަރަކު 2.5 ޕަސެންޓުގެ އިންޓަރެސްޓަކާ އެކު 10 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ބަޖެޓު ކޮށްފައިވެ އެވެ. އެއީ 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ނަގާ ލޯނެކެވެ.

ބަޖެޓު ސަޕޯޓަށް ނޫނީ ބަޖެޓުގެ ދަރަނި ފޫބައްދަން އަންނަ އަހަރު 65 މިލިއަން ޑޮލަރުގެ ލޯނު ސަރުކާރުން ނަގަނީ 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާގޮތަށް، އަހަރަކު ދެ ޕަސެންޓުގެ އިންޓަރެސްޓަކާ އެކު އެވެ. ނަމަވެސް އެ ލޯނުތައް ނަގާ ތަންތަނުގެ ތަފްސީލެއް ބަޖެޓު ފޮތުގައި ހިމަނާފައެއް ނެތެވެ.

ސިއްހީ ދާއިރާ އިން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ހުޅުމާލޭގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމްކުރުމަށް އަހަރަކު 2.5 ޕަސެންޓުގެ އިންޓަރެސްޓާ އެކު 25 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް އައިޑީބީން 4.1 މިލިއަން ޑޮލަރުގެ ލޯނެއް ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ސ. ހިތަދޫގައި ހޮސްޕިޓަލެއް އެޅުމަށް އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނެގުމަށް ނިންމާފައިވެ އެވެ. އޯޕެކްގެ ލޯނުގެ އިންޓަރެސްޓް ރޭޓް އަހަރަކު 4.25 ޕަސެންޓަށް އަރާ އިރު ލޯނު ދައްކައި ނިންމަން ޖެހެނީ 20 އަހަރު ދުވަހުގެ ތެރޭގަ އެވެ. ހިތަދޫ ހޮސްޕިޓަލް ތަރައްގީ ކުރުމަށް އިތުރަށް 12.5 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ހޯދަން ނިންމާފައިވެ އެވެ. އެ ލޯނަށް ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ކަނޑައަޅާފައިވާ އިރު ލޯނު ދައްކައި ނިންމަން ޖެހޭނީ 20 އަހަރުގެ ތެރޭގަ އެވެ.

ރާއްޖޭގައި މެރީން ކަލްޗާ ތައާރަފްކުރުމަށް ތިން މިލިއަން ޑޮލަރުގެ ލޯނެއް އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ (އިފާޑު)ން ނެގުމަށް ނިންމާފައިވާ ކަމަށް ބަޖެޓް ފޮތް ދައްކަ އެވެ. އެއީ އަހަރަކު 0.75 ޕަސެންޓުގެ އިންޓަރެސްޓަކާ އެކު 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ނަގާ ލޯނެކެވެ.

އަދި މި އަހަރުގެ ނޮވެމްބަރު މަހު އިންޑިޔާ އާ އެކު ސޮއިކޮށްފައިވާ ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމަނާފައި ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އަލަށް ނަގާ ލޯނުތަކުގެ ބައިގަ އެވެ. އެ ލޯނުގެ 50 މިލިއަން ޑޮލަރަކީ އަންނަ އަހަރު އިންޑިޔާ އިން ތަކެތި އިމްޕޯޓް ކުރުމަށް ދޭ ކްރިޑިޓް ލައިނެވެ. އަނެއް 50 މިލިއަނަކީ ކުރު މުއްދަތުގެ ޓްރެޝަރީ ބޮންޑުތައް އަނބުރާ ދެއްކުމަށް ހޭދަކުރާ ފައިސާ އެވެ.

މާލޭގެ 369 ނަމްބަރު ކޮށީގައި ހަދަން ފަށާފައި ހުރި ތައުލީމީ ފަންޑުގެ 10 ބުރި އިމާރާތް ނިންމުމަށް 30.7 މިލިއަން ރުފިޔާގެ ލޯނެއް އަހަރަކު 10 ޕަސެންޓުގެ އިންޓަރެސްޓާ އެކު ސަރުކާރުން ނަގާނެ އެވެ. އެ ލޯނު ދައްކަން ކަނޑައަޅާފައި ވަނީ 10 އަހަރު ދުވަހުގެ ތެރޭގަ އެވެ.

ސަރުކާރުން އަންނަ އަހަރު ނަގާ ލޯނު ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާ އިރު، މި އަހަރު ނިމޭ އިރު ބޭރުގެ ދަރަނި 11.6 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ނިމޭ އިރު ބޭރުގެ ދަރަނި ހުންނާނީ 14.7 ބިލިއަނުގައި ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ. އަންނަ އަހަރު ނިމޭ އިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 85.6 ޕަސެންޓުގަ އެވެ.