21 Mar 2020, 11:57
ކައިވެންޏަށް ފަހު ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމު "83" އެޅުވުން ފަސްކޮށްފި އެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ފިލްމު ފަސްކުރި އިރު ފިލްމު ދެން އަޅުވާނެ ތާރީހެއް ހާމަކޮށްފައެއްނުވެއެވެ. މި ފިލްމު ކުރިން އަޅުވަން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
ރަންވީރު ބުނީ ފިލްމު އަޅުވަން ގަސްތުކުރާނީ ކޮވިޑް19 ހަމައަކަށް އެޅުމުން ކަމަށެެވެ. މި ވަގުތު އެންމެ މުހިއްމީ އެންމެންގެ ރައްކާތެރިކަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގެ ފިރިހެން ލީޑަކީ ރަންވީރު ސިންހް އެވެ. އަދި އަންހެން ލީޑަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯން އެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.
އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިންއެވެ.