21 Mar 2020, 10:50
ރީތި ލަވަތަކެއް އާންމުންނަށް ގެނެސްދީފައިވާ އިންޑިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު 41، ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެކަމަށް އޭނާ ބުނެފިއެވެ.
އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ޕޯސްޓެއްގައި ކަނީކާ ބުނީ ފާއިތުވެދިޔަ ހަތަރު ވަރަކަށް ދުވަހުވެސް އޭނާ އުޅުނީ ބަލިވެކަމަށެވެ. އަދި ކޮރޯނާވައިރަސްގެ އަލާމާތްތައް ވެސް ފެނުނު ކަމަށާއި އެކަމުގެ ސަބަބުން ވައިރަސްއަށް ޓެސްޓްކުރި ކަމަށެވެ. ޓެސްޓްކުރުމާއެކު ނަތީޖާ ޕޮޒިޓިވްކަމަށް ދެއްކި ކަމަށް ވެސް އޭނާ ވަނީ އެ ޕޯސްޓުގައި ބުނެފައެވެ.
އޭނާ ބުނީ މިވަގުތު އޭނާއާއެކު އޭނާގެ އާއިލާވެސް ކަރަންޓީންކޮށްފައިވާ ކަމަށާއި މިވަގުތަށް އޭނާގެ ހާލަތު ރަނގަޅުކަމަށެވެ. ނަމަވެސް ހުން އަދިވެސް މަޑުނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. ކަނީކާ ބުނީ ވައިރަސްގެ އަލާމާތް ފެންނަ މީހަކު ލަސްނުކޮށް އަވަހަށް ޓެސްޓްކުރުމަށެވެ.
ލަވަކިޔުންތެރިޔާ ކަނީކާ ވަނީ ގިނަ އަދަދެއްގެ ލަވަތަކެއް ކިޔާފައެވެ. އޭގެ ތެރޭގައި "ބޭބީޑޯލް"، "ކަމްލީ" އަދި "ދޭސީ ލުކް" ހިމެނެއެވެ.