ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްވި، ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކަރަންޓީނުކޮށްފައި ތިބި 32 ބިދޭސީއަކު ދޫކޮށްލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހުން ދޫކޮށްލައިފައި ވަނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުން، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ރާއްޖެއިން އެ ބައްޔަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރާއި، މެނޭޖްމަންޓް ލެވެލްގެ ސްޓާފެކެވެ.

މިހާތަނަށް އެ ރިސޯޓުން ފަސް މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެމީހުންނަށް ބަލި ޖެހިފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ އިޓަލީ ފަތުރުވެރިއެއްގެ ފަރާތުންނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ތަނުން ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި 175 ފަރާތެއް ވަނީ ފާހަގަ ކުރެވިފަ އެވެ

އެ ރިސޯޓަށް މީހުން އަރާ ފޭބުން މަނާކޮށް ލޮކްޑައުން ކުރީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. ނަމަވެސް ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް، އައިސޮލޭޓު ކުރަންޖެހޭ މީހުން ރަށުގެ ވަކި ސަރަހައްދެއްގައި އައިސޮލޭޓްކޮށް، ރިސޯޓު މިހާރު ވަނީ ހުޅުވާލައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފައެވެ.