13 Dec 2011, 14:09
ބޮޑު މުޒާހަރާގެ ވެބް ސައިޓްގައި ޝާއިއު ކުރި ލިޔުންތަކަކާ ގުޅުވައި ދިވެހި ރައްޔިތުންތަކެއް މަރަން ބަޔަކު ނުކުންނަށް އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް އެ މުޒާހަރާގައި މީހުން މަރަން ނޫޅޭ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ ވަގުތީ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން ބާއްވާ ބޮޑު އެއްވުމާ ދެކޮޅަށް ރައީސް ނަޝީދު ބަސް ވިދާޅުވުމުން ހާމަވަނީ ރައްޔިތުންނާ ޗެލެންޖު ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވުން ކަމަށެވެ.
ދީނަށް ގޮންޖަހާ މީހުން، މަރަން ހިއްވަރުދޭ ލިޔުންތަކެއް ޝާއިއު ކުރި "23ޑިސެންބަރު" ވެބްސައިޓުން އެ ޝިއާރުތައް ނަގައި، އިސްލާހު ކޮށްފައިވާއިރު، އެގޮތަށް ރައީސް ވާހަކަފުޅު ދެއްކެވުމަކީ ބިރުގެންނެވުމަށް އިންޒާރު ދެއްވުން ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. އަދި ވިދާޅުވީ "23ޑިސެންބަރު" ވެބްސައިޓުގައި ހުރި ލިޔުންތައް ކުށްވެރި ކުރެއްވެވި ނަމަ މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މުޒާހަރާ ކުރާ މީހުންނަށާއި ރައްޔިތުންނާ ޗެލެންޖް ކުރައްވައި ބިރުދެއްކެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވާ ކަމަށެވެ.
"ރައީސް ނަޝީދާ ދެކޮޅަށް، ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ކޮންމެ ފަހަރަކު ރައީސް ރައްޔިތުންނާ ޗެލެންޖް ކުރައްވަނީ. ޒުވާނުން މުޒާހަރާ ކުރީމަ ވިދާޅުވީ 'ނޭނގެއޭ ބަޔަކު އަޑެއް އުފުލާކަމެއް ވެސް'. ދެން ދިއްދޫއަށް ވަޑައިގެން އެމްޑީޕީގެ މީހުންނާ ޒުވާބު ކުރެއްވީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު ތިމަންނަގެ ކަނައަތުންނާއި ވާތުން ކުރާނެ ކަންތައް ރައްޔިތުންގެ ހިތަށް ވެސް ނާރާނެއޭ ވިދާޅުވީ،" މަހުލޫފު ވިދާޅުވި އެވެ.
އިސްލާމް ދީން ބަލިކަށިކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެހެން ދީންތަކަށް ފުރުސަތު ހުޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މަހުލޫފު މިއަދު ތުހުމަތު ކުރެއްވެވި އެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީ އާއި ޕީޕީއެމާއި އެހެން ޖަމާއަތްތައް ގުޅިގެން ކުރަން އުޅޭ މުޒާހަރާގެ ވެބްސައިޓްގައި ރާއްޖޭގެ ރައްޔިތުން މަރާނެކަމަށް އިންޒާރު ދީފައިވާ ކަމަށާއި އެކަމާ އެމަނިކުފާނު ކަން ބޮޑުވެވަޑައި ގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކު މަރަން އެހެން ރައްޔިތަކަށް ފަތުވާދީ ނުހެދޭނެ ކަމަށާއި އެމަނިކުފާނު އަވަހާރަކޮށްލުމަށް ފަހުގައި ނޫނީ އެއްވެސް ދިވެއްސަކު މަރާ ވެސް ނުލެވޭނެ ކަމަށެވެ.