ރޯމް (މާޗް 20): ކޮރޯނާވައިރަސް ޖެހިގެން އިޓަލީން މަރުވި މީހުންގެ އަދަދު ޗައިނާއަށް ވުރެ އިތުރުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް ޖެހިގެން އެގައުމުން 3,253 މީހަކު މަރުވެފައިވާ އިރު އިޓަލީން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3,405އަށް އަރާފައެވެ.

ޗައިނާއަށް ފަހު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި 41,035 މީހަކު މިހާރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ޗައިނާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 81,250 އަށް އަރައެވެ.

އިޓަލީގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ މިމަހުގެ ނުވައެއްގައި މުޅި ގައުމު ކަރަންޓީނުކޮށްފައެވެ. އަދި އެގައުމަށް ވަދެ ނުކުމެ އުޅުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ބޭރަށް ނުކުމެ އުޅުން ހުއްޓުވާ، އަސާސީ ހިދުމަތްތައް ދޭ ތަންތަން ނޫން ހުރިހާ ތަނެއް ވަނީ ބަންދުކޮށްފައެވެ.

އެފަދަ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އިޓަލީގައި މީހުން މަރުވާ މިންވަރު އިތުރުވަމުން ދަނީ އެގައުމުގެ ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނަށްވެސް ބަލި ޖެހެމުން ދިޔުމުންނާއި އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަވުމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.

ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 163 ގައުމަކަށް ފެތުރިފައިވާ އިރު އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 10،000އަށް އަރާފައެވެ. އަދި 245،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 86،000އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.