20 Mar 2020, 22:10
ވޮޝިންޓަން (20 މާޗް (2020): ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19ގެ ސަބަބުން އެމެރިކާގެ އިގްތިސާދު އިނދަޖެހުމަށް މިސްރާބު ޖަހާފައިވާ ކަމަށް ބެންކް އޮފް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގައި އެންމެ އިތުބާރު ހުރި އަދި އެންމެ ފުޅާދާއިރާއެއްގައި މާލީ ހިދުމަތްތަކާއި މާލީ ކޮންސަލްޓެންސީ ދޭ މުއައްސަސާ ކަމަށްވާ ބެންކް އޮފް އެމެރިކާ އަކީ އެމެރިކާގައިވާ އެންމެ ބޮޑު މަލްޓިނެޝަނަލް އިންވެސްޓްމަންޓް ބޭންކެވެ. އެމެރިކާގެ ޗާލޮޓްގައި މައި އޮފީސް ހުންނަ މިބޭންކުގެ ގޮފިތައް ނިޔުޔޯކް، ހޮންގްކޮންގް، ލަންޑަން، އަދި ޓޮރޮންޓޯގައި ހުރެ އެވެ.
އެބޭންކްގެ އެންމެ އިސް ތަޖްރިބާކާރު އަދި ކޮންސަލްޓަންޓް މިޗެލް މާޔާ ވިދާޅުވީ ކޮރޯނާ ވައިރަސް އެމެރިކާގައި ފެތުރެން ފެށިތާ ހަފްތާއެއްގެ ތެރޭގައި އެމެރިކާގެ އިގްތިސާދު އަޑިއަޅާލައިފި ކަމަށާއި މިކަން އެމެރިކާގެ އިގްތިސާދީ ޑާޓާ ތަކުން މިހާރު ސާފުކޮށް އެނގެން އެބަހުރި ކަމަށެވެ.
ކޮރޯނާވައިރަސްއާއެކު އެމެރިކާގެ އިގްތިސާދީ ހަރަކާތްތަކުގެ ބޮޑު ބައެއް ހުއްޓިފައި އޮންނަ އޮތުން ހަތަރު ހަފްތާއަށް ދިގުދެމިގެން ގޮސްފިނަމަ އެމެރިކާގެ އިގްތިސާދު ރިސެޝަނަކަށް ދާތަން އާންމުންނަށްވެސް ފެންނާނެ ކަމަށް މާޔާ ވިދާޅުވި އެވެ. ކޮރޯނާވައިރަސްއާ ކުރިމަތި ލުމަށްޓަކައި އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި 100 ބިލިޔަން ޑޮލަރުގެ އިމަޖެންސީ ޕްލޭންގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިހާރު ސޮއިކުރައްވާފަ އެވެ.

ބޭންކް އޮފް އެމެރިކާ ގެ ނިޔުޔޯކު ބްރާންޗް
މި އިމާޖެންސީ ބަޖެޓުން ފައިސާ ހަރަދު ކުރާނީ ކޮރޯނާވައިރަހުގެ ސަބަބުން ގޭގައި ތިބެން ޖެހިފައިވާ އެމެރިކާގެ ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ބަނގުރޫޓުވާ ކުންފުނިތަކަށް ބަދަލުދިނުމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުގެ ގޮތުގައި އޮތް އެމެރިކާގެ އިގްތިސާދަށް ހަފްތާއެއްގެ ތެރޭގައި މިފަދަ ބޮޑު އިނދަޖެހުމެއް އަންނާނެކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރަން އަދި ދަތިވާނެކަމަށާއި ނަމަވެސް އެމެރިކާގެ އެއާލައިންތަކާއި ރީޓެއިލް ގިނަ ވިޔަފާރިތަކާއި ޓޫރިޒަމްގެ ދާއިރާގެ ކުންފުނިތަކާއި އެއްގަމު ދަތުރުފަތުރުގެ ކުންފުނިތައް މިސްރާބު ޖަހާފައިވަނީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް މާޔާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސްގެ ބިރުވެރިކަމާއެކު ދަތުރުފަތުރަށް އެޅުނު އާދަޔާ ހިލާފު ހުރަސްތަކަކީ އެމެރިކާގެ އިގްތިސާދު އަޑިއަޅާލުމުގެ އަސާސްކަމަށްވެސް މާޔާ ވިދާޅުވި އެވެ. އެމެރިކާގެ ވައިގެ ދަތުރުތަކާއި އެއްގައު ދަތުރުތަކުގެ 70 ޕަސެންޓް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ކޮރޯނާ ވައިރަސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އާއި ކޮންގްރެސް ފަދަ ހައިބަތު ހުރި މުއައްސަސާތަކަށް ވަދެފައިވާއިރު އެމެރިކާ ސިފައިންގެ ތެރޭގައިވެސް އެ ރޯގާ ދަނީ ފެތުރެމުންނެވެ. މިކަމާ ގުޅިގެން ޕެންޓަގަންގެ މަސްއޫލުވެރިއަކު ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ގިނަ ބަޔަކު އިރާގުން ބޭލުމާމެދު ވިސްނަމުންދާކަމަށް ވިދާޅުވެފަ އެވެ.
އިރާގުން އެމެރިކާ ސިފައިންގެ ގިނަ ބަޔަކު ބާލަނީ އިރާގުގައިވެސް ކޮރޯނާވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާތީ، ޓެރަރިޒަމާ ދެކޮޅަށް އިރާގުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ކުރިޔަށް ގެންދިޔުން އިރާގު ސަރުކާރުން މަނާކޮށްފައިވާތީ އެވެ. އަދި އެމެރިކާ ސިފައިން ގެ ރައްކަލަކަށްޓަކައި އެމެރިކާ ސިފައިން އަނބުރައި ގައުމަށް ގެނައުމާމެދު ވިސްނަމުންދާކަމަށް ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިޔަކު މިފަހުން ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ސިއްހަތާބެހޭ އިދާރާތަކުންވަނީ އެގައުމުގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް މީހުންގެ އަދަދު 13689 އަށް އަރާފައިވާ ކަމަށާއި އެ ރޯގާގައި މިހާތަނަށް 200 މީހުން މަރުވިކަން އިއުލާން ކުރައްވާފައިވެ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އެމެރިކާގެ އިގްތިސާދު އަޑިއަޅާލުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެކަމެއްކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނިއު ޔޯކް ޓައިމްސްއިން ސިފަކުރާ ގޮތުގައި ޓްރަމްޕްގެ މަގުބޫލުކަން ބިނާވެފައިވަނީ އެމެރިކާގެ އިގްތިސާދު އެދެވޭގޮތެއްގައި ފާއިތުވި ހަތަރު އަހަރު ކުރިޔަށް ގޮސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައިވާ މިންވަރަށެވެ. އަދި އެކަން އަނެއްކޮޅަށް ޖެހިއްޖެނަމަ ޓްރަމްޕަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ކުޑަވެގެން ދާނެ އެވެ.
ކޮރޯނާވައިރަސް އާ ގުޅިގެން އެމެރިކާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެމެރިކާ އެއްކޮށް ލޮކްޑައުން ކުރުމުގެ އަމުރެއް ނެރުމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްގެ ޑައިރެކްޓާ ރޮބަޓް އާރު ރެޑްފީލްޑް ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާ ދެއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. -- (ނިޔުޔޯކް ޓައިމްސް +ނޫސްއެޖެންސީތައް)