13 Dec 2011, 14:08
ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ މަގާމަށް މ. އަނދުންގޭ އަލްއުސްތާޒާ ފާތުމަތު ފިލްޒާ ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވި ތިން ނަންފުޅުގެ ތެރެއިން ފިލްޒާގެ ނަމަށް ވޯޓަށް އެއްސެވުން އެނަން ފާސް ކުރައްވާފައި ވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ. ފިލްޒާ ފާސް ވުމާ ގުޅިގެން ދެން އޮތް ދެ ނަން ކަމަށްވާ އަލްއުސްތާޒާ އަރާނާ ނަޢީމް އަލްއުސްތަޒާ އުއްމު ކުލްސުމް އަބޫބަކުރުގެ ނަންފުޅަށް ވޯޓަށް ނޭއްސެވުމަށް މަޖިލީހުގެ ރައީސް ނިންމެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި ނަންފުޅުތައް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ކައުންސިލް ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވި، ޑރ. އަހްމަދު އަބުދުﷲ ދީދީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ދައުލަތުގެ އެހެން މުއައްސަސާއަކަށް ބަދަލުވެ ވަޑައިގެންނެވުމާ ގުޅިގެން، މިހާތަނަށް ވެސް އެ މަގާމަށް ބޭފުޅަކު ހަމަޖެހިފައި ނުވަނީ ގަވާއިދުގައިވާ އަދަދަށް ބޭފުޅުން ކުރިމަތި ލައްވާފައި ނުވުމާއި މަގާމަށް އެކަށީގެންވާ ބޭފުޅަކު ކުރިމަތި ލައްވާފައި ނުވާތީ ކަމަށެވެ.
ޝާހިދު ވިދާޅުވީ މަޖިލީހަށް ހުށަހެޅުއްވި ތިން ނަންފުޅަކީ އެކަމަށް ކުރިމަތި ލެއްވި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުން ކަމަށެވެ.
"މިހާތަނަށް ފަސް ފަހަރު އިއްލާން ކުރެވިފައިވޭ. މިފަހަރުމީ ހަ ވަނަ ފަހަރު. މިފަހަރު ކުރި އިއްލާނަށް އިޖާބަ ދެއްވާފައި ވަނީ ފަސް ބޭފުޅަކު. ގަވާއިދުގައި ވަނީ ތިން ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް. މިގޮތުން ތިން ނަންފުޅެއް އިހުތިޔާރު ކުރުމުގައި ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލުން މިކަމުގައި ތިން ބޭފުޅެއްގެ މަޝްވަރާ އާއި ލަފާ ހޯދިން. އެއީ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް، އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު،" ޝާހިދު ވިދާޅުވި އެވެ.