20 Mar 2020, 12:15
މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދު ކުރަން ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ކެފޭ އަދި ރެސްޓޯރަންޓްތައް މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އިން ފެށިގެން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް، އެ މުއްދަތުގައި، ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރަންޓްތަކަށް ދެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރިޔަނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އާންމުން ތަންތަނަށް އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެދެމުންނެވެ. އަދި މި ދުވަސްވަރު ބޭރުތެރޭގައި ނޫޅެ ގޭގައި މަޑުކުރުމަށް ދަނީ އެދެމުންނެވެ.
އާންމުން ތަންތަނަށް އެއްވެ އުޅުން މަދު ކުރުމުގެ ގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރަން އަންގާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ވަނީ މާލޭ ސަރަހައްދާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ވަގުތީ ގޮތުން ހުއްޓުވައިފައެވެ.