ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ 10 މީހުންގެ ޓެސްޓު ނެގެޓިވްވުމުން، ރިސޯޓު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކޮރޯނާވައިރަހާ ގުޅޭ މައުލޫމާތު ހާމަކުރަން އިއްޔެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވި ގޮތުގައި، ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮރޯނާގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރަމުން ދިޔައީ އަށް ދިވެހީންނާއި ދެ ބިދޭސީން ކަމަށެވެ.

އެ 10 މީހުންގެ ސާމްޕަލްވެސް ނެގަޓިވްވިކަން އެޗްޕީއޭއިން ހާމަކުރީ މިއަދު ހެނދުނެވެ. އެއާއެކު އެ ރިސޯޓު ވަނީ މޮނީޓަރިން ހާލަތުން ނަގައި، އަލުން ހުޅުވާލާފައެވެ.

ވިލާއިން ވަނީ ދާދި ފަހުން އެކުންފުނީގެ ރިސޯޓުތަކުގެ ތެރެއިން ޕެރަޑައިސް އައިލެންޑް ފިޔަވާ އެހެން ހުރިހާ ރިސޯޓުތަކެއް ވަގުތީގޮތުން ބަންދުކޮށްފައެވެ.

ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.

އެކުންފުނީން ރިސޯޓުތައް ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާ ގުޅިގެންނެވެ.