20 Mar 2020, 11:21
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ގޭގައި މަޑުކޮށްގެން އެހީތެރިކަން ފޯރުކޮށްދޭނެގޮތެއް ހަމަޖައްސައި، އާސެނަލްގެ ޓްރެއިނިން ފެސިލިޓީތައް ސާފުކޮށް ޓްރެއިނިންތައް ފަށަން ތައްޔާރުވެއްޖެއެވެ.
އާސެނަލްގެ ކޯޗު އާޓެޓާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ކްލަބުގެ ޓްރެއިނިންތައް ހުއްޓައި ކްލަބުގައި ހިމެނޭ 100 އަށްވުރެ ގިނަ މީހުން ވަނީ އަމިއްލައަށް އައިސޮލޭޝަނަށް ގޮސްފައެވެ. އެ 100 މީހުންގެ ތެރޭގައި ފުރަތަމަ ޓީމް ސްކޮޑް މެމްބަރުންނާއި ކްލަބުގެ މުވައްޒަފުންގެ އިތުރުން ކޯޗުކުރާ ގިނަ ފަރާތްްތަކެއް ހިމެނެއެވެ.
އާސެނަލްއިން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވީހާވެސް އަވަހަކަށް ޓްރެއިނިންތައް ފަށައި މެޗުތައް ކުޅެން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް ޓްރެއިނިން ފަށާނީ އެ ކުޅެން ރައްކާތެރިވުމުން އާސެނަލްއިން ބުނެއެވެ.
އާސެނަލްއިން ބުނީ މިހާރު ވަނީ އެ ކްލަބުގެ ހުރިހާ ޓްރެއިނިން ފެސިލީޓީތައް ބަންދުކުރުމަށްފަހު ވަރަށް ރަނގަޅަށް ސާފުކޮށްފައި ކަމަށެވެ. އަދި ސާފުކުރުމަށްފަހު އެ ފެސިލިޓީތައް އަލުން ހުޅުވާފައިވާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.
މިކޭލް ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި ގުޅައި ހަދައިގެން ކުޅުންތެރިންނަށް އޭނާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އާސެނަލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މައުލޫމާތު ލިބޭގޮތުގައި އަންނަ ހަފްތާގައި އާސެނަލްގެ ޓްރެއިނިންތައް ފަށާނެއެވެ. އެހެންނަމަވެސް ޕްރިމިއާ ލީގުގެ ސަސްޕެންޝަން މިމަހުގެ 30 އަށް އިތުރުކުރުމަށް ނިންމާފައިވާތީ ޓްރެއިނިން ފެށުމާ ދޭތެރޭގައި ސުވާލު އުފެދޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.