13 Dec 2011, 13:52
މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންތަކުގެ މައުލޫމާތު ހޯދަން ރައީސް އޮފީހުން ސިޓީ ފޮނުވާފައި ވަނީ އިހުލާސްތެރި ކަމެއް ނެތި، ރައީސް ނަޝީދުގެ ރަހުމަތްތެރިއެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތުހުމަތު ކުރާ ކޮރަޝަންތަކުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ސިޓީ ފޮނުވި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރުންގެ ތެރޭގައި މުސްތޮފާ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. ރައީސް އޮފީހުން ސިޓީ ފޮނުވި އަނެއް ދެ ބޭފުޅުންނަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި މެންބަރު ޝިފާޤު މުފީދެވެ.
ރައީސް އޮފީހުން ސިޓީއެއް ފޮނުވުމުގައި އިހުލާސްތެރި ކަމެއް ނެތް ކަމަށާއި އެއީ ރައީސްގެ ރަހުމަތްތެރިއެއްގެ މަސްލަހަތު ހިމަޔާތް ކުރުމަށް ކަމަށް މުސްތޮފާ ވިދާޅުވީ ރައީސް އޮފީހުގެ ސިޓީއަށް ޖަވާބު ދެއްވުމުގެ ގޮތުން އެ އޮފީހުގެ ޗީފް އޮފް ސްޓާފް އަހުމަދު މައުސޫމްގެ ފޯނަށް ފޮނުވި ދިގު އެސްއެމްއެސްގަ އެވެ.
ސިޓީއެއް ގޮތަށް ލިޔުއްވާފައިވާ އެ އެސްއެމްގައި މުސްތޮފާ ވިދާޅުވެފައި ވަނީ ރައީސް އޮފީހުގެ ސިޓީއަށް އެގޮތަށް ޖަވާބު ދެއްވީ އޭނާ މިހާރު ގަލަން ދޫކޮށްލައްވައި ސިޓީން ލިޔުން "ޑިޖިޓަލައިޒް" ކުރައްވައިގެން އުޅުއްވާތީ ކަމަށެވެ.
އެސްއެމްއެސް ސިޓީއެއް މެދުވެރިކޮށް، ރައީސް އޮފީހުން ފޮނުވި ސިޓީއަކީ އެއްވެސް އިހުލާސްތެރި ކަމެއް ނެތި ރައީސް ނަޝީދުގެ ރަހުމަތްތެރިއެއްގެ މަސްލަހަތު ހިމާޔަތްކުރަން ފޮނުއްވި ސިޓީއެއް މުސްތޮފާ ލިޔުއްވާފައި އޮތް ނަމަވެސް ރައީސް އޮފީހުން ހިމާޔާތް ކުރަން މަސައްކަތް ކޮށްފައި ވަނީ ރައީސް ރަހުމަތްތެރި، ކޮން ބޭފުޅެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
މުސްތޮފާގެ "ޑިޖިޓަލައިޒް" ސިޓީ ގައި ބުނަނީ ސަރުކާރުން ސިޓީއެއް ފޮނުވުމުން ތުރުތުރު އަޅާ މީހަކު ރާއްޖޭގައި މިހާރު ނޫޅޭނެ ކަމަށާއި އެ ދުވަސް މާޒީވެއްޖެ ކަމަށެވެ. އެ ސިޓީއަކީ ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރަން ފޮނުއްވާފައިވާ ސިޓީއެއްކަން ސީޓީ ބެލުމުންނާއި ކަން ހިނގާ ދިޔަ ގޮތުން އެނގޭ ކަމަށެވެ. އަދި ބުނަނީ އެ ސިޓީއަކީ ދުވާލުގެ އަލީގައި ވަކި މީހަކު ހިންގަމުން ގެންދާ ކޮރަޕްޝަންގެ ހުތުރު ކަންތައްތަކެއްގައި މަތިޖަން ފޮނުވި ސިޓީއެއް ކަމަށެވެ.
"... މިގައުމުގައި ހިނގާ އެފަދަ ކަންތައްތައް މިނިވަންކަމާ މުސްތަގިއްލު ކަމާއެކު ބެލުމަށް ބޮޑެތި ބަޖެޓްތައް ދީ، ގާނޫނީ ބާރު ދީފައި އުފައްދާފައި ހުރި އެކިވަރުވަރުގެ މުއައްސަސާތައް އެހުރީ ބޭނުމެއްގައި، އެންމެންގެ ކައިރީގައި ސިޔާސީ ސްޓަންޓް ހައްދަވަން ނޫޅުއްވާ. އެ ސިޓީއަކީ ވަކި ކަންތައްތަކެއް މަތި އެޅުމަށްޓަކައި ތާރީހަށްޓަކައި ފައިލްތައް ރީތި ކުރުމަށްޓަކައި ފޮނުއްވި ސޓީއެއްކަން އަޅުގަނޑު ދެނެ ހުރީމު، އަދި އެކަންތައް ޖަސްޓިފައި ކޮށްދެއްވަން ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މަސައްކަތް ކުރައްވާނަމަ ވާނީ އިތުރު ބޭޒާރު!" ގަލަން ދޫކޮށްލެއްވުމަށް ފަހު މުސްތަފާ ލިޔުއްވި އެސްއެސް ސިޓީގައި ވެއެވެ.
މުސްތޮފާގެ "ސިޓީ" އާ ބެހޭ ގޮތުން ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެ އެސްއެމްއެސް އެއީ ރައީސް އޮފީހުން ފޮނުވި ސިޓީގެ ޖަވާބުގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް ރައީސް އެދިވަޑައިގެންފައިވަނީ ސާބިތު ހިފޭ ކަހަލަ މައުލޫމާތެއް އެކަމުގައި ލިބިވަޑައިގެންފައިވާނަމަ، އެމައުލޫމާތެއް ހިއްސާކޮށްދެއްވުމަށް ކަމުގައިވާއިރު ޝާރީއަތަށް ސާބިތު ހިފޭ ވަރުގެ އެއްވެސް މައުލޫމާތެއް މުސްތަފާގެ ސިޓީގައި ނެތް ކަމަށެވެ.
" މުސްތޮފާއަށް އަދިވެސް އެކަމުގައި ސާބިތުހިފޭ މައުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ އެ މައުލޫމާތެއް ރައީސް އޮފީހާ އަންގަވާލަދެއްވުމަށް އެދެން... އެނގިވަޑައިގެންނަވާނެ. ކޮރަޕްޝަންގެ ތުހުމަތެއް ކުރައްވާނަމަ އެކަމުގެ މައިގަނޑުތަކެއް ހުންނަން ޖެހޭނެ،" ޒުހެއިރު ވިދާޅުވި އެވެ.
މުސްތަފާގެ އެސްއެމްއެސް ނިންމާލައްވަމުން ލިޔުއްވާފައި އޮންނަނީ އޭނާގެ ފޮނުއްވި މެސެޖްގެ ފޮޓޯކޮޕީއެއް ތާރީހަށްޓަކައި ނެންގެވުމަށްފަހު ފައިލް ކުރެއްވުމަށެވެ. ރައީސް އޮފީހުގެ ސިޓީއަށް އިތުރަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.