މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން ބުނީ ކޮވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން ދިވެހި މުވައްޒަފުންގެ ވަޒީފާތައް ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.

އެގޮތުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކްތަކާ ގުޅިގެން އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާކަން މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އެ ޕެކޭޖުގެ އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.

މި ޕެކޭޖުގައި ބައިވެރިވުމުގެ އެއް ޝަރުތަކީ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމާއި މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމެވެ.

މީގެ އިތުރުން މި ޕެކޭޖުގައި ބައިވެރިނުވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެހީވާނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން ޕެކޭޖުގައި ބައިވެރިނުވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ތަމްރީނު ދީގެން އަލުން ވަޒީފާގެ ބާޒާރަށް ނެރުން ފަދަ ކަންކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވި އެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައިގެ ތަހުގީގެއް އެޗްއާރުސީއެމުން ފަށާފައިވާއިރު، ރާއްޖޭގެ ބޮޑެތި އަމިއްލަ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ ކޮވިޑް19އާ ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަކޮށް، އިނާޔަތްތައް ކަނޑާލުމުގެ އިތުރުން މުވައްޒަފުންގެ އަދަދު މަދުކުރުން ފަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ނަމަވެސް އެއާ ހިލާފަށް ބައެއް އަމިއްލަ ކުންފުނިތަކުން ވަނީ ވަކި މުއްދަތަކަށް ހުރިހާ މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް ޗުއްޓީ ހަމަޖައްސައިދީފަ އެވެ.