މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

"މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އެންގީ ދިވެހި ދައުލަތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އެ ޕްރޮގްރާމްގައި ކޮވިޑް19 އާ ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހުއެވެ.

އެ ޕްރޮގްރާމުގައި، ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއަކު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެ ވާހަކައަކީ ހަގީގަތެއް ނަމަ އެކަން އެޗްޕީއޭ އިން ކަށަވަރުކޮށްދިނުމަށް އެދިފައިވެއެވެ.

އެކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ މައްސަލަ ބަލައިފައެވެ. އަދި ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް ކުރުމަށް ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ ޗެނަލް13 އަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި "މަޑިސީލަ" ޕްރޮގްރާމުގައި ކޮވިޑް19 އާ ބެހޭގޮތުން ގެނެސްދީފައިވާ މައުލޫމަތާކީ، މުއުތަބަރު ފަރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބުނެފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން މިހާލަތުގައި މައުލޫމާތު ގެނެސްދިނުމުގައި ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ސައްހަ މައުލޫމާތު ކަމަށް ބްރޯޑްކޮމް އިން ކުރިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް "މަޑީސީލަ" ޕްރޮގްރާމުގައި ގެނެސްދީފައިވާ މައުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މައުލޫމާތެއްކަމަށް ބެލެވެންނެތް ކަމަށް މައްސަލަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ ހަތަރު ވަނަ ނަންބަރާ ހިލާފުވާކަމެއް ކަމަށް ބްރޯޑްކޮމް އިން ވަނީ ނިންމައިފައެވެ.

އެހެންކަމުން ޗެނަލް13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ "މަޑިސީލަ" ޕްރޮގްރާމް، މިއަދުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށާއި އެ މުއްދަތުގައި ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް އެ ޗެނަލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ބްރޯޑްކޮމްގެ ނިންމުމާ ގުޅިގެން ޗެނަލް13 އިން ބުނެފައި ވަނީ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލި ނަމަވެސް، އެ ޕްރޮގްރާމް ގެނެސްދިން ވަގުތުތަކުގައި އިތުރު ޕްރޮގްރާމެއް ގެނެސްދޭނެ ކަމަށެވެ.

"މަޑިސީލަ" ޕްރޮގްރާމުގައި ދެއްކި ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ޗެނަލް13 އާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މައްސަލައާ ގުޅިގެން ޗެނަލް13 އިން ބުނެފައި ވަނީ އެ މައުލޫމާތު ވެރިފައި ކުރުމަށްޓަކައި އޮންނަ އުސޫލުގެ މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އަދި އެ މައުލޫމާތު ގެނެސް ދިނުމުގެ ސަބަބުން އެކަމާއި ގުޅިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާނަމަ އަދި އެ މައުލޫމާތަކީ ބިރުވެރިކަން އުފެދޭ މައުލޫމާތެއްކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.