ގައުމީ ބޭންކް (ބީއެމްއެލް)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ އަދަދު އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާ އެވެ.

އެގޮތުން ބީއެމްއެލްއިން މިއަދު އާންމުކުރިދެންނެވުމެއްގައި ބުނީ ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހިއްސާދާރުންގެ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ފާސްކޮށްފައި ވަނީ، 139.93 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ހިއްސާއަކަށް 26 ރުފިޔާ އެވެ. އެ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާ ފާސްކޮށްގެންނެވެ.

މިއީ މިދިޔަ އަހަރު އެ ބޭންކުން ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށް ވުރެ، 8.3 ޕަސެންޓް އިތުރު އަދަދެކެވެ. ބޭންކުން ބުނި ގޮތުގައި، މިއީ އެ ބޭންކުން ޑިވިޑެންޑުގެ ގޮތުގައ މިހާ ބޮޑު އަދަދެއް ބަހާ ފުރަތަމަ ފަހަރު ކަމަށެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އަދި އާންމެއް ނުކުރެ އެވެ.