13 Dec 2011, 13:12
އައްޑޫ ދަރުބާރުގެ، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އާއި އެ ސަރަހައްދު ތަރައްގީ ކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓީން މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ސަތޭކަ އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކޮށް އީސީސީ ހިންގުމަށް ޝައުގުވެރިވެ، ބީލަން ފޮތް ގަތް ފަރާތްތަކަށް ބާއްވާ އެ ބައްދަލުވުން އޮންނާނީ މާދަމާ 2:00 ޖަހާއިރު އީސީސީގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓާ މުހަންމަދު ހަލީމް މިއަދު ވިދާޅުވީ މިއަދާއި ހަމައަށް ތިން ފަރާތަކުން ބީލަން ފޮތް ގަނެފައިވާ ކަމަށާއި ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"ބިޑް ފޮތް ބައްލަވައި ނުގަތަސް އެކަމަށް ޝައުގުވެރިވަންޏާ ބައިވެރިވެ ވަޑައިގެންނެވޭނެ. މިހާތަނަށް ތިން ފަރާތަކުން ފޮތް ބައްލަވައިގެންނަމަވެސް މާދަމާގެ ބައްދަލުވުމުގައި އެނގިގެންދާނެ އީސީސީ ހިންގުމަށް ޝައުގިވެރިވާ ފަރާތްތަކުގެ އަދަދު،" ހަލީމް ވިދާޅުވި އެވެ.
މީޑިޔާއަށް ވެސް ހުޅުވާލައިގެން ބާއްވާ އެ ބައްދަލުވުމުގައި ބީލަން ފޮތް ނުގަންނަ ފަރާތްތަކަށް ބައިވެރިވެވޭނީ ސިޓީ ކައުންސިލްގައި މިއަދު ނަން ނޯޓްކޮށްގެނެވެ.
ސަތޭކަ ފަންސާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށް ސާކު ސަމިޓަށް ބިނާކުރި އީސީސީ ތަރައްގީ ކުރަން ބައިނަލްއަގުވާމީ ބީލަމަށް ލާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އަންނަ ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ސިޓީ ކައުންސިލުން ބީލަން ފޮތް ވިއްކާއިރު ފޮތެއްގެ ވިއްކަނީ ދިވެހިންނަށް 2000ރ. އަށް އަދި ބިދޭސީ ފަރާތަކަށް 300 ޑޮލަރަށެވެ.