19 Mar 2020, 20:07
ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރު ގައުމުތަކުން ފުރާ ޔޮޓުތަކާއި ސަފާރީ ފަދަ އުޅަނދުތައް ރާއްޖެއަށް އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރު ކުރުން މަނާކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މިރޭ 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ސަފާރީ އަދި ޔޮޓު ފަދަ އެއްވެސް އުޅަނދަކަށް ރާއްޖެއަށް އައުމާއި ރާއްޖޭގައި ބަނދަރުކުރުން މަނާވާނެ ކަމަށެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ބޯނުލަބައިފި ނަމަ، އެ މީހުންގެ ނަން ހާމަކޮށް، 5،000 ރުފިޔާއަށްވުރެ، ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ހަތަރު ރިސޯޓަކާއި ސަފާރީއަކުން 13 ބިދޭސީއަކު މިހާތަނަށް އެ ވައިރަހަށް ވަނީ ޕޮޒިޓިވްވެފަ އެވެ.